ކްރިކެޓް ކުރިއެރުވުމަށް ގިނަ ވަގުތު ޕްރެކްޓިކްސް ކުރާނެ ތަނެއް ބޭނުންވާ ކަމަށާއި އެކަމަށް ހައްލުހޯދަދެއްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިހާރު މާލޭގައި ކުޅޭ ކްރިކެޓް ގްރައުންޑަކީ އެކަމަށް އެއްމެ އެކަށީގެންވާ ސަރަހައްދަކަށްނުވާތީ އަބަދު ވެސް ކްރިކެޓް ކުޅޭނެ ސްޓޭޑިއަމްއެއްގެ ވާހަކަ ދެކެވެމުންދިޔަ ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.
ކްރިކެޓް ކުރިއަރުވައި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެ އަށް ކާމިޔާބު ހޯދޭނެ މަގު ކޮށަން ކްރިކެޓް ކުޅޭނެ ހާއްސަ ސްޓޭޑިއަމްއެއް ބޭނުން ވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެހެން ކަމުން އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ވެސް މަޝްވަރާ ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކްރިކެޓް ކުޅޭނެ ހާއްސަތަނެއް ހެދުމަށް ރައީސް ވަނީ އުފާވެރި ހަބަރެއް ދެއްވާފައި ކަމަށާއި އެގޮތުން މިހާރު ވެސް ކްރިކެޓް ކުޅެމުންދާ ސަރަހައްދު އެކަމަށް އެކަށީގެންވާ ގޮތަށް އަންނަ އަހަރު ތަރައްގީ ކުރަން ފަށާނެ ކަމުގެ ޔަގީންކަން ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ޕްރެކްޓިކްސް އަކީ ވީހާ ވެސް ގިނަ އިން ކުރަންޖެހޭނެ ކަމެއް ކަމަށް. ކުޅުމުގައި ވިހާ ވެސް ގިނަ އިން ވަގުތު ހޭދަކުރަން އެބަޖެހޭ. މަދުވެގެން ދެ ގަޑިއިރު ތިން ގަޑިއިރު ހޭދަކުރަން އެބަޖެހޭ، އަޅުގަނޑު ރައީސްއަށް ވެސް ދެންނެވިން، ރައީސް ދެއްވި އުފާވެރި ހަބަރަކީ މ ގްރައުންޑް ކްރިކެޓް ކްރައުންޑެއްގެ ގޮތައް، އެ ސައިޒަށް ފައްތާގެން ކްރިކެޓް ކުޅޭނެ ގޮތައް ސްޓޭޑިއަމްގެ ސިފައިގައި ހަދަން ހުއްދަދެއްވާނެ ކަމަށް، އެހެން ކަމުން އަންނަ އަހަރު އެ މަސައްކަތް ފަށާނަން" ވަޒީރު ވިދާޅުވި އެވެ.
ކްރިކެޓް ކުރިއެރުވުމަށް ކައިރި ގައުމުތަކާއެކު ވެސް ގިނަ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެގޮތުން ލަންކާއިން ވެސް މިހާރު ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އެއްބާރުލުން ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިހާރު ކްރިކެޓް ކުޅޭ ސްޓޭޑިއަމް އަކީ އައިސީސީ ގަބޫލުކުރާ ފެންވަރުގެ ދަނޑަކަށް ހެދުމަށްޓަކައި 120 ފޫޓް އިތުރު ކުރަންޖެހެއެވެ. ކްރިކެޓް ސްޓޭޑިއަމްއަށް އިތުރަށް ބޭނުންވާ ބިން އިތުރު ކުރުމަށް ޓެނިސް ކޯޓާއި އެފްއޭއެމްގެ އެއް ވެސް ދަނޑެއް ނުނަގާ ވެސް އެކަން ކުރެވޭނެ ކަމަށް ކްރިކެޓް ބޯޑުން ކުރިން ވަނީ ބުނެފައެވެ.