ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެޤައުމަށް ދާން މަސައްކަތްކުރި 3 ދިވެއްސެއްގެ މައްޗަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދަޢުވާކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުއްވައިފިއެވެ.
ދަޢުވާކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ ލ. މާމެންދޫ މުރިންގު އަޙްމަދު ލަތީފާއި، ގދ. ރަތަފަންދޫ ނީލްވިލާ އަޙުމަދު ސުހައިލް މޫސާއާއި ތ. ގާދިއްފުށީ، ސީނަރީގެ މުނައްވަރު ޢަބްދުﷲ އާ ދެކޮޅަށެވެ.
މި 3 މީހުން ސޫރިޔާއަށް އެތެރެވާން މަސައްކަތްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ތުރުކީވިލާތު މަގުންނެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއިން ވަނީ މި 3 މީހުން، އެ ޤައުމުގެ ޞަރަޙައްދީ ރޮނގު ހުރަސްކޮށް، ސޫރިޔާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށް، އަނބުރާ ރާއްޖެއަށް ފޮނުވާފައިވެއެވެ.
މި 3 މީހުންގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގައިވާ ދިވެހިރާއްޖެ ދޫކޮށް އެހެން ޤައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިއުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައާ ގުޅިގެން އިތުރު މައްސަލަތަކެއްވެސް ފެންމަތިވެފައިވާ ކަމަށް ޕީ.ޖީ އޮފީހުން ވިދާޅުވިއެވެ. މި ގޮތުން، މި 3 މީހުން ސޫރިޔާއަށް ކުރި ދަތުރުގައި ރާއްޖޭގައި ހުރި އިތުރު މީހަކާއި އެ މީހުން މަޢުލޫމާތު ޙިއްޞާކޮށްފައިވާ ކަމަށް ޕީ.ޖީ އޮފީހުން ހާމަކުރައްވައެވެ.
މި ޙާދިސާގައި ހިމެނޭ 4 ވަނަ މީހާވެސް މިހާރު ހުރީ ފުލުހުންގެ ބެއްލެވުމުގެ ދަށުގައިކަމަށްވެސް ޕީ.ޖީ އޮފީހުން ވިދާޅުވެއެވެ. ޕީ.ޖީ އޮފީހުން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅޭ އިތުރު މީހުން ހިމެނޭތޯ ބައްލަވައި، އެ ބައެއްގެ ޢަމަލުތައް މޮނިޓަރ ކުރުމަށާއި، މޮނިކޮން ޢަމުރު ނެރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާކަމަށެވެ.