އިނގިރޭސި ވިލާތުގެ ސަރުކާރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ހިމާޔައް ދެއްވައިފިކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޙަސަން ލަތީފް ވިދާޅުވީ މިހާރު ބޭސްފަރުވާއަށް އިނގިރޭސިވލާތުގައި ހުންނެވި ރައީސް ނަޝީދަށް އެޤައުމުން ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސް ދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުން ރައީސް ނަޝީދު ރާއްޖެ ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އެއްވެސް ބޭނުމެއް މިހާރު އޮތްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބޭސް ފަރުވާގެ ކަންކަން ނިމެން އޮތީ މިއަހަރުގެ އޮގަސްޓް 23 ވަނަ ދުވަހުކަމަށާއި، ކުރިން ދީފައިވާ 30 ދުވަހުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ނަޝީދުގެ ބޭސްފަރުވާއާއި ގުޅޭ ލިޔެކިއުންތަށް ކަރެކްޝަނަލް ސަރވިސްއަށް ހުށައަޅުއްވާފައިވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ބޭސް ފަރުވާގެ ކަންކަން އޮގަސްޓް 23 ގައި ނިމުނު ނަމަވެސް މިހާރު އިނގިރޭސިވިލާތުން ނަޝީދަށް ޕޮލިޓިކަލް ރެފިއުޖީއެއްގެ ސްޓޭޓަސްއެއް ދެއްވާފައިވާތީ އޭގެ ފަހުން ދެން އެނބުރި ރާއްޖެ ވަޑައިގަންނަވާނީތޯ ނުވަތަ އިނގިރޭސި ވިލާތުގައި މަޑުކުރައްވާނީތޯ ނިންމަވާނީ ޚުދު ރައީސް ނަޝީދުކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަދުވަހުގައެވެ. ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ދެއްވި މުއްދަތު ހަމަވެގެން އެ މުއްދަތު ސަރުކާރުން ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްދެއް ވާފައެވެ.
ރައީސް ނަޝީދު 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލްކޯޓްގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެކަހެރިކޮށް ހައްޔަރުކޮށްގެން ގެންގުޅުނުމައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.