ސިއްހަތު

ޑެންގީއަށް ހޭލުންތެރިކުރުވުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ޑެންގީ ހުމުން ރައްކާތެރިވެ ޢާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ސަރުކާރުގެ 3 މުއައްސަސާއެއްގެ މެދުގައި އެއްމިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ޞިއްޙީ ވުޒާރާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެއްބާރުލުން ދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލަޖީއާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ދެމެދުގައެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވާ ގޮތުގައި، މިއެއްބަސްވުމުގެ އަމާޒަކީ، އިންފޮމޭޝަން ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ  ބޭނުންކުރައްވައިގެން ޑެންގީ ހުމަށް ފަރުވާދެއްވުމުގައި ބޭނުންކުރައްވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކަށް ޞިއްޙީ އެހީތެރިން އަހުލުވެރިކުރެއްވުމެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި އީސެންޓަރުތައް، ސާކު ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި  ޤާއިމްކުރައްވައި، ހިންގެވުމަށް ހަމަޖެހިފައިވާ "ރީޗިންގ ދަ އަންރީޗްޑް" އިނިޝިއޭޓިވްގެ ދަށުން 3 އިދާރާގެ ދެމެދު މިކުރެވުނު އެއްބަސްވުމުގެ ދަށުން، ލިބުނު އެހީގެ ބޭނުންކޮށްގެން، ޑެންގީ ހުމަށް ހޭލުންތެރިކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ގެންގުޅެންވީ އުޞޫލްތައް ޞިއްޙީ ޚިދްމަތްތެރިންނާ ވަގުތުން ވަގުތައް ޙިއްޞާކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަރާތުން ޑެންގީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އަންނަ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކަށް ޞިއްޙީ އެހީތެރިން އަހުލުވެރިކުރުވައި، މިކަމާ ގުޅުން ހުރި މައުލޫމާތު އެއްކުރެވިގެންދާނެއެވެ. މިމަސައްކަތްތައް ކުރިއަށް ގެންދަވާނީ، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އީ-ސެންޓަރުތައް މެދުވެރިކޮށް، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަތޮޅުތެރޭގެ ޞިއްޙީ ޚިދްމަތްދޭ އިދާރާތައް ގުޅިގެން ކަމަށްވެސް ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.