ކުޅިވަރު

އެޑަމް އާއި ކުޑަކާއްޓޭގެ ދެން އޮތް ޓާގެޓަކީ ސާފް ގޭމްސް އާއި އައިއޯއައިޖީން ރަން މެޑެލް


މިސަރަހައްދުގެ ބީޗުވޮލީ އަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކުޅިވަރެއް ކަމަށާއި ދެން މި ކުޅިވަރުން ބޭނުންވަނީ ސާފް ގޭމްސް ނޫނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއިޖީ) ގައި ރަންމެޑަލް ހޯދަން ކަމަށް އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ބުނެފިއެވެ.

ބޫޓާނުގައި ނިމިދިޔަ ކާވާ ބީޗުވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އެއްވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއަށް ރޭ އެއާޕޯޓްގައި މަރުހަބާ މަރުހަބާ ކިޔާފައި ވާއިރު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުގައި ސާޖިދު ބުނީ ސާފް ގޭމްސް ނޫނީ އައިއޯއައިޖީގައި ކާމިޔާބު ހޯދުމަށް އަހަރެއްހާ ދުވަހުގެ ފަރިތަކުންތައް ބޭނުންވާނެ ކަމަށެވެ.

މިހާރު މި ހޯދުނު ކާމިޔާބަށް ވުރެން ބޮޑު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ސާފް ގޭމްސް އާއި އައިއޯއައިޖީގައި ރަންމެޑަލް ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސާޖިދު ބުންޏެވެ.

ކާމިޔާބާއި ގުޅޭ ގޮތުން އެޑަމް ބުނީ ކާވާ ބީޗުވޮލީބޯލް ޗެމްޕިއަންޝިޕުގެ ރަންމެޑަލް ހޯދުމަށް ގިނަ މަސައްކަތް ތަކެއް މިފަހަރު ކުރި ކަމަށެވެ. އެހެން ނަމަވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެއްމެ ބޮޑު ގޮންޖެހުމަކީ ފަރިތަކުރާނެ ތަނެއް ކަމަށެވެ. މިހާރު ފަރިތަކުންތައް ކުރިޔަށްގެންދަނީ ހުޅުމާލެގައި އޮންނަ ރެޑްބުލް ކޯޓްގައި ކަމަށާއި ބީޗު ޓީމު ފަރިތަކުރަން ބޭނުންވާ ކޮންމެ ވަގުތަކު ކޯޓް ކޯޓް ހުސްކޮށްދޭތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް އެޑަމް ބުންޏެވެ.

ސަރަހައްދީ ގައުމުތަކަށް ބަލާއިރު ބީޗު ވޮލީ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި ދިވެހި ކުޅުންތެރިން ފަރިތަކުންތައް މަދުވެއްޖެ ނަމަ މި މަގާމު ދިފާއު ކުރަން އުންދަގޫ ވާނެ ކަމަށް ވެސް އެޑަމް ބުންޏެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާ ހޯދާފައިވަނީ ފައިނަލުގައި ނޭޕާލުގެ އެއްވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށްގެންނެވެ. ފައިނަލް އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވެފައިވަނީ 21-19، 21-17 އިންނެވެ.

އެންމެ ފަހުން ބޭއްވި ތިން އަހަރުވެސް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ބޭއްވި މި މުބާރާތުން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި 2022 ވަނަ އަހަރު ކޮކްސް ބާޒާރުގައި ބޭއްވި ބީޗުވޮލީ މުބާރާތުން ވަނީ ރަން މެޑަލް ހޯދާފައެވެ.