ޚަބަރު

ރޭ ދަންވަރު ކަނޑުމަތީގެ 6 ހާދިސާއެއް، އެކަކަށް ހާނީއްކަވި


  • ގިނައިން ހިނގާފައިވަނީ ދިޔަވުމުގެ ހާދިސާ

  • ލ.އަތޮޅު ސަރަޙައްދުގައި 3 ހާދިސާ ހިނގި

  • އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުލިބޭ

ރޭ ދަންވަރު މޫސުން ގޯސްވި ވަގުތު ކަނޑުމަތީގެ 6 ހާދިސާއެއް ހިނގާފައިވާއިރު، އެކަކަށް އަނިޔާވެ ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ ދިޔަވުމުގެ ހާދިސާތަކެވެ.

ކަނޑުމަތީގައި ހިނގި ހާދިސާތަކަށް ބަލާއިރު 9 ފަތުރުވެރިންނާއި 5 ފަޅުވެރިންނާއެކު ދަތުރުކުރި "ކޮޅުލިޔާ" ނަމަކަށްކިޔާ ސަފާރީ ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވެގެން، ރޭ 01:10 ހާއިރު ވަނީ ރިޕޯޓްކޮށްފައެވެ. ފަތުރުވެރިންނާ ފަޅުވެރިން މިހާރު ތިބީ ތިމަރަފުށީ ގެސްޓްހައުސްއެއްގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރޭ ދަންވަރު ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވައު ކަނޑައިގެންގޮސް ތ.ގުރައިދޫ ކައިރިއަށް ވަނީ ބީހިފައެވެ. ޓަގު ބޯޓް ވަނީ އެސަރަހައްދުގައި ބަނދަރުކޮށްފައެވެ. މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 02:54 ހާާއިރުއެވެ.

މީގެއިތުރުން ލ.އަތޮޅު ހިމެނޭ ސަރަޙައްދުން ދަތުރުކުރި 3 ދޯންޏެއް ދިޔަވާތީ ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ލ.އަތޮޅުން ދަތުރުކުރި "ފިޝްމަން" ކިޔާ މަސް ދޯންޏަކާ، އެއަތޮޅުތެރެއިން 6 މީހުންނާއެކު ދަތުރުކުރި "ބިނާ ކާގޯ" ކިޔާ ސަޕްލައި ދޯންޏަކާއި، 10 މީހުންނާއެކު ދަތުރުކުރި "ސައުތު އެކްސްޕްރެސް" ކިޔާ ދޯންޏެއް ދިޔަވާތީ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހުރިހާ ދޯނިތައްވެސް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މިހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. މި 3 ހާދިސާވެސް ހިނގައިގެން ރިޕޯޓްކުރީ ރޭ ދަނވަރު 02:30އާއ 03:30އާއި ދެމެދުއެވެ.

މީގެއިތުރުން 80 ފޫޓުގެ "ފާގަަތި" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާތީ ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. މިހާދިސާ ރިޕޯޓް ކުރީ ފަތިހު 05:00 ހާއިރުއެވެ.