ޚަބަރު

ޕާސްޕޯޓްތަކުގެ ޑިޖިޓަލް ކޮޕީ އާރކައިވްކުރުމަށް ހަވާލުކޮށްފި


މޯލްޑިވްސް އިމިގްރޭޝަނުގައި ހުރި ބިދޭސީންގެ ޕާސްޕޯޓްތަކުގެ ޑިޖިޓަލް ކޮޕީ ލޯ އެންފޯސްމަންޓް އެޖެންސީތަކާ ޙަވާލުކުރައްވައި، މި ކޮޕީގެ އާރކައިވް މެނޭޖްކުރެއްވުމާއި ބެލެހެއްޓެވުމުގެ މަސައްކަތް ޤައުމީ އަރުޝީފާ ޙަވާލުކުރައްވައިފިއެވެ.

"އެކްސްޕެޓްރިއޭޓް ޕާސްޕޯޓް ސްކޭނިންގ ޕްރޮޖެކްޓް" ގައި ޤައުމީ ޢަރުޝީފާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު މިއަދު ސޮއިކުރެއްވި އެމްއޯޔޫއަކީ، ރާއްޖޭގައި އުޅޭ ބިދޭސިންގެ ޕާސްޕޯޓް ޑޭޓާބޭސް ރައްކާކުރެއްވުގެ ކަންކަން ހަރުދަނާގޮތެއްގައި ހިންގެވުމަށް އެކަށައެޅުއްވި އެބަސްވުމެކެވެ. މިކަމަށްޓަކައި ޚާއްޞަ ސޮފްޓްވެއަރއެއް އެންސީއައިޓީން ތައްޔާރު ކުރައްވާފައިވާއިރު، މިއީ ބިދޭސީންގެ ޕާސްޕޯޓް ޑިޖިޓަލްކުރެއްވުމުގެ އެންމެ ފުރަތަމަ މަރުޙަލާއެވެ.

އެންސީއައިޓީ ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު އަޝްމަލީ ވިދާޅުވީ އެންސީއައިޓީގެ އަމާޒަކީ، ސަރުކާރުގެ އެކި ވުޒާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލާމެހިފައިވޭ އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ފޯރުކޮށްދެއްވުންކަމަށެވެ. އަޝްމަލީ ވިދާޅުވީ، ބިދޭސިންގެ ކަންތައްތައް މެނޭޖްކުރެއްވުމަކީ ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވީނަމަވެސް، މިކަން ޙައްލުކުރެވޭ މިންވަރަށް ރާއްޖޭގައި އިންސާނީ ވަޞީލަތް ނެތްކަމަށެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެންނެވުމުގެ ގޮތުން ހައިސްޕީޑް ސްކޭނާސް ބޭނުންކޮށްގެން އޮޓޮމޭޓެޑް ސޮލިއުޝަން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ދިވެހިރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން ފިލައިގެން އުޅޭ މީހުންގެ ޕާސްޕޯޓާއި، އެނޫންވެސް ގޮތްގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ފަސް ހާހަށްވުރެގިނަ ބިދޭސިންގެ ޕާސްޕޯޓުތައް، މި އެއްބަސްވުމުގެ ދަށުން އާކައިވްކުރައްވައި، އެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތްތަކައް ލުޔެއް ލިބި، އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީންނާބެހޭ މަޢުލޫމާތު ފަސޭހައިން ހޯދައިގަނެވޭނެކަމަށެވެ.

އެމް.އޯ.ޔޫގައި ޤައުމީ އަރުޝީފުގެ ފަރާތުން ސޮއިކުރެއްވި، އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާތިރު ވިދާޅުވީ، އެއިދާރާގެ ބެއްލެވުމުގެ ދަށުގައި ހުރި ބިދޭސީ ޕާސްޕޯޓްތައް ޑިޖިޓަލްކުރައްވައި، އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލަހައްޓަވަން ފެއްޓެވުމުން ކަމާބެހޭ ވުޒާރާތަކުގެ ޚިދްމަތުގެ ސްޕީޑް އަވަސްވެގެންދާނޭ ކަމަށެވެ.

މިއަދު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ޤައުމީ އަރުޝީފްގައި ހުރި ލިޔުންތައް ޒަމާނީ ފެންވަރުގެ ސިސްޓަމެއްގައި އާކައިވްކުރައްވައި ބަލަހައްޓަމުން ގެންދާނެކަމަށް އެއިދާރާއިން ބުނެއެވެ.