ޚަބަރު

ޕްރީ-ސީޒަން: އެކުވެރިކަމުގެ މެޗުތަކުން ލިވަޕޫލާއި، ސިޓީ އަދި ބާސެލޯނާ މޮޅުވެއްޖެ


ޕްރީ-ސީޒަންގައި މިހާރު ކުޅެމުންދާ އެކުވެރިކަމުގެ މެޗުތަކުން ލިވަޕޫލާއި، މެންޗެސްޓާ ސިޓީ އަދި ބާސެލޯނާ އިން މޮޅުވެއްޖެއެވެ.

ލިވަޕޫލުން ވަނީ އެމެރިކާގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިކޮށްފައެވެ. ސިޓީން 4-2 ގެ ނަތީޖާއަކުން ޗެލްސީ ބަލިކުރިއިރު، ބާސެލޯނާ އިން ރެއާލް މެޑްރިޑް އަތުން މޮޅުވީ 2-1 އިންނެވެ.

އެމެރިކާގެ ސައުތު ކެރޮލައިނާގައި ހުންނަ ވިލިއަމްސް-ބްރައިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ފަބިއޯ ކަވާލިއޯ އާއި ކާޓިސް ޖޯންސް އެވެ. ފަހު ހާފުގައި ލިވަޕޫލްގެ އަނެއް ލަނޑުޖަހައިދިނީ ގްރީސްގެ ފުލްބެކް، ކޮންސްޓަންޓިނޯސް ސިމީކާސް އެވެ.

އިނގިރޭސި ލީގުގެ މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން، ސިޓީން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ ނޯވޭ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ވަނީ ތިން ލަނޑުޖަހައި، ހެޓްރިކް ހަދާފައެވެ. ސިޓީގެ އަނެއް ލަނޑުޖަހައިދިނީ އޮސްކާ ބޮބް އެވެ. މި މެޗުގައި ޗެލްސީން ޖެހިލަނޑުތައް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އާއި ނޯނީ މަޑުއޭކޭ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު 'އެލް ކްލެސިކޯ' މެޗުގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ނިސްބަތްވާ ސްޕެއިނުގެ ކުޅުންތެރިން ފިޔަވައި މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކުޅެފައެވެ. މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ދެލަނޑުވެސް ޖަހައިދިނީ ޕައު ވިކްޓާ އެވެ. ރެއާލްގެ ހަމައެކަނި ލަނޑުޖަހައިދިނީ ނިކޯ ޕާޒް އެވެ.