ޚަބަރު

ކުރިމަތިލާން ޖެހުނު އުނދަގޫތަކާއެކު ހޯދި ރަން މެޑެލް ކުޑަކާއްޓޭ އާއި އެޑަމްއަށް ވަރަށް ޚާއްސަ


ނޭޕާލުން: އިސްމާއީލް ޝާހު

ބޫޓާނުގައި ނިމިދިޔަ ކާވާ ބީޗުވޮލީބޯލް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމުތައް ވާދަކުރީ ގިނަ ގޮންޖެހުންތަކާއެކު އެވެ. ޖުމްލަ ހަތަރު ޕެއާއެއް ވާދަކުރި މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ހޯދީ އެ ގޮންޖެހުންތަކާއެކު އެވެ.

އެންމެ ފަހުން ބޭއްވި ތިން އަހަރުވެސް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ބޭއްްވި މި މުބާރާތުން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި 2022 ވަނަ އަހަރު ކޮކްސް ބާޒާރުގައި ބޭއްވި ބީޗުވޮލީ މުބާރާތުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ ކާމިޔާބީއަށްފަހު އެނބުރި ރާއްޖެ ފުރުމުގެ ކުރިން ނޭޕާލުގައި ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން އެޑަމް އާއި ކުޑަކާއްޓޭ ވަނީ މި ކާމިޔާބީ ހޯދުމަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް ކިޔައިދީފައެވެ. އެގޮތުން ބޫޓާނުގެ ފިނި މާހައުލުގެ ސަބަބުން ކުރިމަތިލާން ޖެހުނު އުނދަގޫތަކާއި ކަނޑުގެ ސަތަހައަށް ވުރެ 7000 ފޫޓު މަތީގެ ކޯޓެއްގައި ކުޅެން ޖެހުމުން ކުރިމަތިލާން ޖެހުނު އުނދަގޫތައް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެޑަމް ބުނީ އެހެން މުބާރާތްތަކާއި ހިލާފަށް މި މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވާން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ވާދަކުރަން ޖެހުނު ކޮންމެ މެޗަކާވެސް ކުރިމަތިލީ އެ ގޮންޖެހުންތަކާއެކު މޮޅުވުމުގެ އަޒުމުގައި ކަމަށްވެސް ބުންޏެވެ.

ކުޑަކާއްޓޭ ވެސް ވަނީ އެ ވާހަކަތައް ތަކުރާރުކޮށްފައެވެ. އަދި މިއީ ކެރިއަރުގައި ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޕެއާ އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާ ހޯދާފައިވަނީ ފައިނަލުގައި ނޭޕާލުގެ އެއްވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ ބަލިކޮށްގެންނެވެ. ފައިނަލް އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވެފައިވަނީ 21-19، 21-17 އިންނެވެ.

ދިވެހި ބީޗުވޮލީ ޕެއާތައް ވަނީ މި މުބާރާތުގައި މުޅި ގައުމު ފަހުރުވެރިކޮށްދީފައެވެ. އަންހެން ދެ ޕެއާ އަދި ފިރިހެން ދެ ޕެއާ ވާދަކުރިއެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ދެ ޕެއާ އަކީ، އަންހެން އެއް ނަމްބަރު ޕެއާ އަކީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އެވެ. ދެން ވާދަކުރީ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ) ގެ ޕެއާ އެވެ.  މީގެތެރެއިން އަރީ އާއި ޒީގެ ޕެއާ ވަނީ ތިންވަނަ ހޮވާ މެޗުގައި ވާދަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފިރިހެން ދެވަނަ ޕެއާ، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ ވަނީ ސެމީގައި ބަލިވެފައެވެ. ސެމީގައި ބަލިވީ މަން އާއި ދިލްގެ ޕެއާ އަތުން، 21-10، 21-16 އިންނެވެ.