ޚަބަރު

ވިޒިޓް މޯލްޑިވްސް ޕްރޯ 2024: ރާއްޖޭގެ އާމިން، ޝާމް އަދި ނަޒްމީން ދެވަނަ ބުރަށް


ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ގެ މެންސް ކެޓަގަރީގެ ދެވަނަ ބުރަށް ރާއްޖޭގެ އާމިން އުމަރު މޫސާ، ޝާމް ރާފިއު އަދި އަހުމަދު ނަޒްމީން ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ ހީޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދެވަނަބުރުން ޖާގަ ހޯދާފައިވަނީ ހީޓު ހަތަރަކުން 6.4 ޕޮއިންޓާއެކު ދެވަނަ ހޯދި ނަޒްމީނެވެ. ހަތަރުވަނަ ހީޓުގެ އެއްވަނަ ހޯދާފައިވަނީ 11.15 ޕޮއިންޓް ސްކޯކޮށްގެން ޕޯޗުގަލްގެ ފްރެޑެރީކޯ ކަސްޓެލޯ ބްރާންކޯ އެވެ.

މިދިޔަ ދެ ފަހަރު ޖޫނިއާ ކެޓަގަރީން ރަނގަޅު ނަތީޖާތަކެއް ހޯދި އާމިން މިފަހަރު ވާދަކުރަނީ މެންސް އޯޕަން ކެޓަގަރީގައެވެ. އާމިން ދެވަނަ ބުރަށް ދަތުރުކުރީ ހީޓު ފަހެއްގައި ވާދަކޮށްގެންނެވެ. މި ހީޓުން އެއްވަނަ ހޯދާފައިވަނީ 13.5 ގެ ސްކޯއަކާއެކު ޖޯޖް ހެނާންޑޭޒް އެވެ. ދެވަނަ އާމިން ހޯދީ 10.9 ގެ ސްކޯއަކާއެކު އެވެ. މި ހީޓުގައި ވާދަކުރި ރާއްޖޭގެ ދާއޫދު ފަޒީހު ވަނީ 4.6 ޕޮއިންޓް ހޯދާފައެވެ.

ރާއްޖޭގެ ބޮޑީބޯޑަރު ޝާމް ދެވަނަ ބުރަށް ދަތުރުކުރީ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އެގޮތުން ހީޓު އަށެއްގެ އެއްވަނަ ހޯދި، މޮރޮކޯގެ ސާމީ ލާބީއަށް 10.75 ޕޮއިންޓް ލިބުނުއިރު ދެވަނަ ހޯދި ޝާމްއަށް ލިބުނީ، 9.1 ޕޮއިންޓެވެ، ތިންވަނަ ހޯދި ރާއްޖޭގެ މުހައްމަދު ކައިފްއަށް 7.3 ޕޮއިންޓް ލިބުނެވެ.

މިދިޔަ މުބާރާތްތަކުގައި ރަނގަޅު ވާދައެއްކުރި ރާއްޖޭގެ އެއްވަނަ އަލީ ހުޝްރުވާން (ކުޑަ އައްޔަ) ދިޔައީ ވާދަކުރި ހީޓުގެ ތިންވަނައަށެވެ. މި ހީޓުގެ އެއްވަނަ ހޯދި ޖޯލް ރޮޑްރިގޭޒް އަށް 11.25 ޕޮއިންޓް ލިބުނުއިރު، ދެވަނަ ހޯދި ވެެނެޒުއޭލާގެ އެޑްވިން އަލްޑާނާއަށް 9.75 ޕޮއިންޓް ލިބުނެވެ. ތިންވަނަ ހޯދި ކުޑައައްޔަގެ ސްކޯއަކީ 8.15 ޕޮއިންޓެވެ. މި ހީޓުގައި ވާދަކުރި ރާއްޖޭގެ، ނޫހު މުހައްމަދު އިރުޝާދަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ.

ރާއްޖޭގެ ބޮޑީބޯޑަރު އަލީ ޖާވިދު (ޖާއްޓެ) ވަނީ ވާދަކުރި ހީޓުގެ ހަތަރުވަނަ ހޯދާފައެވެ. މި ހީޓުގެ އެއްވަނަ ހޯދީ 10.8 ޕޮއިންޓް ސްކޯކުރި މޮރޮކޯގެ ޔާސީން އަލްގަޒާލް އެވެ. ދެވަނައަށް ދިޔަ ސްޕެއިންގެ އީތަން ޕެރޭޒަށް 10.75 ޕޮއިންޓް ލިބުނުއިރު، ތިންވަނަ ހޯދި އެމެރިކާގެ ޑްރޭކް ކިންގަމްއަށް 9 ޕޮއިންޓް ވަނީ ލިބިފައެެވެ.

މިއީ، ވިޒިޓް މޯލްޑިވްސް ޕްރޯ ބާއްވާ ތިންވަނަ ފަހަރެވެ. މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި، މުޅި އެއްކޮށް، 14 ގައުމަކުން 86 އެތުލީޓުން ވާދަކުރެއެވެ.