ޕްރޮފެޝަނަލް މަސައްކަތް ކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެވެ. ވަޒީރު މިހެން ވިދާޅުވީ 5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައި ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒު ކުރުމުގައި ދައިރާގެ ފަންނީ ފަރާތްތަކުން އެއްބާރުލުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުރިއަށް ނުގެންދެވިއްޖެ ނަމަ، މިހާރު ހާލަތު އޮތް ގޮތުން، ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ސިންދަފާތު ކުރުމާއި އެއްކޮށް ކުރިއަށް ނުގޮސްފީއްޔާ ޓުއަރިޒަމް އޭގެ ޒާތުގައި ސްޓްރެޗްކޮށްކޮށް، ކޮންމެވެސް ހިސާބަކުން އަން ސަސްޓެއިނަބަލް އާދަޔާ ހިލާފު ހަނިކައެއް ވާނެ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުގެ އެއަރޕޯޓް އިކޮނޮމިކް ޒޯންގައި ތަރައްޤީ ކުރާ ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ފާހަގަ ކުރެއްވިއެވެ. އެގޮތުން ފުނަދޫގައި ފައިނޭންޝަލް ސެންޓަރުގެ ޢިމާރާތުގެ މަސައްކަތް މި ފަސް އަހަރު ތެރޭގައި ނިންމާލުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ވިދާޅުވީ މިހުރިހާ މަސައްކަތެއް ކުރިއަށްދާއިރު، އެކައުންޓެންޓުން ފަދަ ޕްރޮފެޝަނަލް ދާއިރާތަކަށް ފަހި ފުރުސަތުތަކެއް ދާނީ ހޯދައިދެމުންކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ވެގެންދާ ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ބޭރުގެ އެންމެ ބޮޑު ވިޔަފާރި މާކެޓުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދެމަހެއްތެރޭ ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއިއެކު މިނިވަން ވިޔަފާރީގެ ތެރެއަށް އެބަ ވަންނަން. ވަންނަ އިރު އަޅުގަނޑުމެން ހިމާޔާތް ކުރި އެއް ދާއިރާ ފައިނޭންސް އެކައުންޓެންޓް ހަރަކާތްތެރިވާ ދާއިރާ. މާނައަކީ ވަނުމަކުން ބޭރު ބަޔަކަށް އެކަމަށް ނުކުރެވެއޭ. އޭގެ ބަދަލުގައި ތިބޭފުޅުންނަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރަށް ދެވޭނެ. މާކެޓް އެކްސެސް ހޯދުމަށް މިފަދަ ޕްރޮފެޝަނަލް ސިންކުޑިތަކަށް މަގުކޮށަމުން ޖާގަ ދެމުން މިދަނީ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްއަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފޯރަމެވެ.
މޯޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ.