މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓްގައި ރޭ ކުޅުނު މެޗުތަކަށްފަހު ފައިނަލްގައި ސްޕެއިނުގެ ކާލޯސް އަލްކަރާޒް އާއި ސާބިއާގެ ނޮވަކް ޖޮކޮވިޗް ބައްދަލުކުރާން ޖެހިއްޖެއެވެ.
މީގެ ދުވަސްކޮޅެއް ކުރީން، ކުޅުނު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައިވަނީ ވެސް މި ދެ ކުޅުންތެރިންނެވެ. އެ މެޗުން މޮޅުވީ އަލްކަރާޒް އެވެ.
ޓެނިހުގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ، އަލްކަރާޒް، 21، ވަނީ މިހާތަނަށް ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އޭނާ ވާދަކުރި ގްރޭންޑް ސްލޭމް ހުރިހާ ފައިނަލަކުން މޮޅުވެފައެވެ.
އަނެއްކޮޅުން، އުމުރުން 37 އަހަރުގެ ޖޮކޮވިޗް އަކީ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ފިރިހެން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 24 ފަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިހާތަނަށް ޓެނިހުގެ އެއްވަނަ ކުޅުންތެރިޔާގެ މަގާމުގައި އެންމެ ގިނަ ދުވަހު ހޭދަކޮށްފައިވާ ކުޅުންތެރިއަކީ ވެސް ޖޮކޮވިޗް އެވެ.
މި ފަހަރުގެ ގޭމްސްގެ ފައިނަލުން އަލްކަރާޒް ޖާގަ ހޯދީ، ސެމީ ފައިނަލްގައި ކެނެޑާގެ ފެލިކްސް އޯގާ-އެލިއަސީމޭ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކުރީ 6-1، 6-1 އިންނެވެ.
ސެމީގައި ޖޮކޮވިޗް ވަނީ، އިޓަލީގެ ލޮރެންޒޯ މުސެޓީ އަތުން ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ، 6-4، 6-2 އިންނެވެ.
ޖޮކޮވިޗް ފައިނަލަށް ކުރި ދަތުރުގައި ވަނީ، ދެވަނަ ބުރުގައި ވާދަވެރި ސްޕެއިނުގެ ރަފައެލް ނަޑާލް ފަސޭހަކަމާއެކު ބަލިކޮށްފައެވެ. އެ މެޗުން ޖޮކޮވިޗް މޮޅުވީ 6-1، 6-4 އިންނެވެ.
މިހާތަނަށް އޮލިމްޕިކްސްގެ ބްރޯންޒެއް ލިބިފައިވާ ޖޮކޮވިޗް އަށް މި ފަހަރުގެ ގޭމްސްގައި އެއަށްވުރެ ފުރިހަމަ ކާމިޔާބީއެއް ހާސިލްކުރުމުގެ ފުރުޞަތު އެބައޮތެވެ. މި ފަހަރުގެ އޮލިމްޕިކްސް އަކީ އަލްކަރާޒްގެ ފުރަތަމަ ގޭމްސް އެވެ.