ޚަބަރު

ހުޅުމާލެ ސެންޓްރަލް ޕާކު މިރޭ ހުޅުވަނީ


ހުޅުމާލޭ ސެންޓްރަލް ޕާކުގެ ފުރަތަމަ ފިޔަވަހި ނިންމައި މިރޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިއްޖެއެވެ.

ހުޅުމާލޭގައި އެޗްޑީސީން ތަރައްޤީކުރި ސެންޓްރަލް ޕާކަކީ ތަފާތު ކޮންސެޕްޓްތައް ހިމަނައިގެން ހަތަރު ފިޔަވައްސަކަށް ބަހަލާއިގެން ތަރައްޤީކުރާ ތަނެކެވެ. 8 ހެކްޓަރުގެ ބިން ސެންޓްރަލް ޕާކްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު، މިހާރު މަސައްކަތް ނިމިފައި މިވަނީ އެތަނުގެ ލެޝަރ އޭރިއާ ނުވަތަ މީހުން ހިތްހަމަޖައްސާލަން މަޑުކޮށްލާ ހިތްގައިމު ޕާކުގެ މަސައްކަތެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާއިރު އައުޓްޑޯ ޖިމްއަކާއެކު ސެންޓްރަލް ޕާކްގެ ވަކި ސަރަޙައްދެއް ތަރައްޤީކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އައުޓްޑޯރ ޖިމްވެސް ގާތްގަޑަކަށް މަހެއްހާ ދުވަހުގެތެރޭގައި ހުޅުވާލާނެ ކަމަށާއި، އެތަނަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެއެވެ.  

img:http://s3.psmnews.mv/images/660x400/14639074464532.jpg|ހުޅުމާލެ ސެންޓްރަލް ޕާކް / ފޮޓޯ: އެޗްޑީސީ

މިރޭ ހުޅުވިގެންދާ ސެންޓްރަލް ޕާކްގައި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހަދާ އެންމެ ބޮޑު ފައުންޓެއިން ޕާކްވެސް ޤާއިމްވެގެންދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ސެންޓްރަލް ޕާކްގެ ހަތަރު ސެކްޓަރގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ، ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަން ދަމައިގަންނަފަދަ ތަނަކަށެވެ. ހުޅުމާލެ ބޮޑު ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާއިރު، އެތަނުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ތަފާތު އެކި މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވައެވެ.