މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
އަސްކަރީ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ނުކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، އަމީރު އަޙްމަދު މަގަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަރަހައްދަށް ނުކުމެވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
އަސްކަރީ ޕެރޭޑާއި ރޫޓްމާޗް ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާ ސަރުކާރުގެ އިސްވެރިންގެ އިތުރުން ބޭރުގެ ސަފީރުންނާއި ގިނަ އަދަދެއްގެ ރައްޔިތުންވެސް އެސަރަހައްދަށް ޖަމާވިއެވެ.
މާލޭގެ 5 ސަރަޙައްދެއްގައި ހިނގާލުމުގެ ބައިވެރިން މަޑުކޮށް، ރާގު ކުޅެފައިވެއެވެ. ޤައުމީ ދިފާއީ ބާރުގެ ބޭންޑުންނާއި ސްކޫލްތަކުގެ ބޭންޑުތަކުން ވަނީ ރާގު ކުޅެފައެވެ. އެގޮތުން އަމީރު އަހުމަދު ހުރަވީ ބިލްޑިންގ ހުރި ސަރަހަދުގެ ޕާކިންގ ޒޯން ކުރިމަތީގެ އިތުރުން ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާ ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތި އަދި މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތީ ރާގު ކުޅެފައިއެވެ. ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓާހަމައިން 18:00ގައެވެ.
ހިނގާލުން ކުރިއަށްގެންދާތީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް މާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
މި ހިންގާލުން މިއަދު ބާއްވާފައިވަނީ މިދިޔަ ހަފްތާގައި މޫސުން ގޯސްވުމުގެ ސަބަބުން ޕެރޭޑު ފަސްކުރުމުންނެވެ. މިނިވަންދުވަހުގެ ޕެރޭޑު މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ
ދުވަހުއެވެ.