ބޫޓާންގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗްވޮލީބޯލް ޗެލެންޖް ކަޕުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ފިރިހެން އަދި އަންހެން ޕެއާތައް ކުޅުނު ހުރިހާ މެޗަކުން މޮޅުވެއްޖެ އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާތަކަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) އާއި މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) އެވެ.
މުބާރާތުގައި ވާދަކުރާ އަންހެން ދެ ޕެއާއަކީ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާ އެވެ. ދެވަނަ ޕެއާގައި ހިމެނެނީ އާމިނަތު އަރީޝާ އާއި ފާތިމަތު ޒީނިޔާ އެވެ.
ރާއްޖޭގެ ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ ފުރަތަމަ ދުވަހު ޖުމްލަ ތިން މެޗު ކުޅެފައެވެ. ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ތަޖިކިސްތާންގެ އިސްމައިލޯވް އާއި ރައިމްގެ ޕެއާ އާއެވެ. މި މެޗު ރާއްޖޭގެ ޕެއާ ކާމިޔާބުކުރީ 25-23، 22-20 އިންނެވެ. ދެވަަނަ މެޗުން މޮޅުވީ އުޒްބެކިސްތާންގެ ޓޮލިބައޭފް އާއި އޮޓަބެކޯފްގެ ޕެއާ އަތުންނެވެ. އެއީ 21-14، 12-21 އަދި 15-12 އިންނެވެ. ތިންވަނަ މެޗުގައި ބޫޓާންގެ ޖުރްމޭ އާއި ބްރުޓްކާގެ ޕެއާ އަތުން މޮޅުވީ 21-14، 21-07 އިންނެވެ.
ކުޑަކާއްޓެ އާއި އެޑަމްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އުޒްބެކިސްތާންގެ މުހައްމަދިއޭފް އާއި ޝަރީޕޯފްގެ ޕެއާ އާއެވެ. މި ޕެއާ އަތުން މޮޅުވީ 21-14، 21-05 އިންނެވެ. ދެވަނަ މެޗުގައި ނޭޕާލްގެ ޝްރެސްތާ އާއި ސުނަރުގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ، 21-16، 21-15 އިންނެވެ.
އަންހެން ޕެއާތައް ކުޅުނު މެޗުތަކުގެ ތެރެއިން ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ ވަނީ ބޫޓާނުގެ ލެކީ އާއި ޑެޗެންގެ ޕެއާ އަތުން، 21-10، 21-12 އިން މޮޅުވެފަ އެވެ. އަދި އަރީޝާ އާއި ޒީނިއާގެ ޕެއާ، 21-19، 21-16 އިން މޮޅުވީ އުޒްބެކިސްތާންގެ އަސްކަރޯވާ އާއި ނުރްކަޓޯވާގެ ޕެއާ އަތުންނެވެ.
ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ބޫޓާން، ނޭޕާލް، ތަޖިކިސްތާން އަދި އުޒްބެކިސްތާނެވެ.
ފިރިހެން ޑިވިޝަނުގެ މުބާރާތް ކުރިއަށްދަނީ، 10 ޕެއާ އެއް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ