ޖެމެއިކާގެ އައު ކޯޗުގެ މަގާމަށް ސްޓީވް މެކްލާރެން ހަމަޖައްސާފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، ޖޭއެފްއެފް އިން ހާމަކޮށްފިއެވެ.
ޖެމެއިކާގެ ކޯޗުގެ މަގާމު ހުސްވީ، ނިމިދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ދެއްކި ދަށް ކުޅުމާ ގުޅިގެން އޭރުގެ ކޯޗު، ހެއިމިރް ހާލްގްރިމްސަން އިސްތިއުފާ ދިނުމުންނެވެ.
މީގެކުރީން، އިންގްލެންޑްގެ ގައުމީ ޓީމަށާއި ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އަށް އިރުޝާދު ދީފައިވާ މެކްލާރެން އެންމެ ފަހުން ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ.
މެކްލާރެން، 63، ޖެމެއިކާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ދެ އަހަރު ދުވަހުގެ އެއްބަސްވުމަކަށް ސޮއިކޮށްފައިވާކަން ޖޭއެފްއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
މެކްލާރެން ބުނީ، ކެރިއަރުގެ މިހާރު އޮތް މަރުހަލާގައި އޭނާ އަށް އެކަށީގެންވާ ފަދަ މަގާމެއް ގަބޫލުކުރުމުގައި އެއްވެސް ޖެހިލުމެއްނެތް ކަމަށެވެ. އަދި އެ ގައުމުގެ ފުޓްބޯޅައިގައި އޮތް ގާބިލްކަމާއި، އޮތް ފުރުޞަތުތައް އޭނާ އަށް އެނގިގެންގޮސްފައިވާ ކަމަށާއި، މިދިޔަ އަހަރުތަކުގައި ވެސް އެ ޓީމުން ހޯދަމުންއައި ކުރިއެރުންތައް ވަރަށް ރަނގަޅަށް ކައިރިން ފެނިގެންގޮސްފައިވާ ކަމަށް ވެސް މެކްލާރެން ފާހަގަކުރިއެވެ.
މެކްލާރެން އިތުރަށް ބުނީ، މިހާރަށްވުރެ ބޮޑަށް ދެމެހެއްޓެނިވި ގޮތެއްގައި ބުރަ މަސައްކަތްތަކެއްކޮށް، ކުރިމަތީގައި އެ ޓީމަށް އުޖާލާ މުސްތަގުބަލެއް އޮތް ކަމަށް ގަބޫލުކުރެވޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.
ޖެމެއިކާގެ ކޯޗުގެ މަގާމަށް މެކްލާރެން އައްޔަންކުރުމަށްފަހު، އެ ގައުމުގެ ފުޓްބޯޅައިގެ ރައީސް، މައިކަލް ރިކެޓްސް ބުނީ، މެކްލާރެން އެ މަގާމަށް ގެނައުމަށް ނިންމީ ރަނގަޅު ނިންމުމެއް ކަމަށް ޔަގީންކުރާ ކަމަށާއި، އުއްމީދަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އެ ޓީމުން ދެކެމުންއަންނަ ހުވަފެންތައް ހަގީގަތަކަށް ހަދައި، އެމަގުން ގެންގޮސްދޭނެ ކަމަށެވެ.
2026 ވަނަ އަހަރުގައި އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުކޮށް، ކޮންކާކަފް ސަރަހައްދުން އޮޓޮމެޓިކުން ކޮލިފައިވާ ތިން ޓީމެއް ބައިވެރިކުރުމަށް ފީފާ އިން ނިންމުމުގެ ސަބަބުން ޖެމެއިކާ އަށް އެ މުބާރާތަށް ކޮލިފައިވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށް އެ ގައުމުން ދެކެއެވެ.
ޖެމެއިކާ އަށް ދެން އެންމެ އަވަހަށް އޮތީ ކޮންކާކަފް ނޭޝަންސް ލީގުގައި އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ކިއުބާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކިންގްސްޓަންގައި ހުންނަ ނޭޝަނަލް ސްޓޭޑިއަމްގައެވެ.