ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމައިފިއެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތެއްކަމަށެވެ. އަދި ކުންފުނީގެ ހާލަތު އޮތްގޮތުން، އެޚިދުމަތް ދިނުމަކީ ކުންފުންޏަށް ވަރަށް ޚަރަދު ބޮޑު ކަމެއްކަމަށެވެ. މުއާޒު ވިދާޅުވީ މިޚިދުމަތް ދިނުމުގައި ކުންފުންޏަށް މަހަކު 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ކުރިމަތިވާކަމަށެވެ. އަދި މިމައްސަލައިގައި މިފްކޯއާއި ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށް، އެ ކުންފުނިން ދެން އައިސްޕްލާންޓްތައް ނުހިންގަން ނިންމާފައިވާކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ މުއާޒު ވިދާޅުވީ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ލ.މާމެންދޫގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރި އައިސްޕްލާންޓެއް ފެނަކައަށް ގަނެފައިވާ މައްސަލަކަމަށެވެ. އެތަން 11 މިލިއަން ރުފިޔާއަށް ގަނެފައިވާއިރު، އޭގެ އިތުރުން އިތުރު އައިސްޕްލާންޓެއްވެސް އެރަށުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައި އޮތްކަމަށް މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. މިއީ ގިނަ ސުވާލުތަކެއް އުފެދޭ މައްސަލައަކަށްވާތީ، އެކަންވެސް ބަލަމުންދާކަމަށް ވިދާޅުވިއެވެ.
"ޕްލާންޓް ގަނެފައި ކޮންޓްރެކްޓަރަށް ފައިސާވެސް އަދާކޮށްފައެއް ނެތް. އަނެއްކާ އިތުރު ޕްލާންޓެއް އެރަށުގައި އަޅަން ފަށާފައި. ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަހުރި. އެ މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށައަޅާފައި. ކޮންޓްރެކްޓަރަށް ފައިސާ ދިނުން މަޑުޖައްސާލަން އޭސީސީން މިހާރު އޮތީ އަންގާފައި." ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
ފެނަކައިން ދިޔައީ 25 ރަށެއްގައި އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތޭގައި ރަނގަޅަށް ޚިދުމަތް ނުދޭ ޕްލާންޓްތައްވެސް ހިމެނެއެވެ. ނަމަވެސް ކުންފުނިން މުވައްޒަފުންގެ ޚަރަދާ އޮޕަރޭޝަނަލް ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަމުންއާދެއެވެ.