ޚަބަރު

މަރުގެ އިންޒާރުތަކާ ހެދި ޑި މާރިއާ އެނބުރި ރޮސާރިއޯއަށް ބަދަލުވުމުގެ ހުވަފެން ހަގީގަތަކަށްނުވި


އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު، އެންހެލް ޑި މާރިއާ، އޭނާގެ ކެރިއަރު ފެށީ ރޮސާރިއޯ ސެންޓްރަލް އަށް އެނބުރި ދާން އުޅުމުން، ލިބުނު މަރުގެ އިންޒާރުތަކާ ހެދި އެ ޕްލޭންތައް ބަދަލުކުރަން މަޖުބޫރުވެ، އެ ޓްރާންސްފާގެ ކަންކަން ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ޑި މާރިއާ، 36، މިދިޔަ ސީޒަނަށް ފަހު ޕޯޗުގަލްގެ ބެންފީކާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، އެ ކްލަބު ދޫކޮށްލުމަށްފަހު ފްރީ އޭޖެންޓެއްގައި ގޮތުގައި ހުރިއިރު، އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ.

ޔޫރަޕްގެ ފުޓްބޯޅަ އަށް އައުމުގެ ކުރީން، ޑި މާރިއާ އެންމެ ފުރަތަމަ ކުޅުނީ ރޮސާރިއޯ ސެންޓްރަލް އަށެވެ. އެގޮތުން، އޭނާ ވަނީ 2005 އިން ފެށިގެން 2007 ދެމެދު އެ ކްލަބަށް ކުޅެފައެވެ. އެއަށްފަހު 2007 ގައި ބެންފީކާ އަށް ބަދަލުވެފައިވާއިރު، ފަހުން ސްޕެއިނުގެ ރެއާލް މެޑްރިޑަށާއި، އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅެފައިވެއެވެ.

އެހެންކަމުން، ކެރިއަރު ނިންމާލުމަށް އެނބުރި ރޮސާރިއޯ ސެންޓްރަލް އަށް ދިއުމަށް ޑި މާރިއާ ހުރީ ތައްޔާރަށެވެ. އެކަމަކު، އޭނާގެ އާއިލާ އަށާއި އޭނާ އަށް ދީފައިވާ އެތައް މަރުގެ އިންޒާރެއްގެ ސަބަބުން އެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ އެވެ.

ޑި މާރިއާ ބުނީ، އޭނާގެ ދައްތަ ވިޔަފާރި ކުރާ ތަނުގައި، އޫރެއްގެ ބޮލެއް ލާފައި އޮތް ފޮށިގަނޑެއް ހުރިއިރު އޭގެތެރޭގައި އޮތް އޫރުގެ ބޮލުގައި ވަޒަނެއް އޮތް ކަމަށެވެ. އަދި އޭގެ އޮތް ނޯޓުގައި ލިޔެފައިވަނީ އޭނާ އެނބުރި ރޮސާރިއޯ އަށް އައިސްފިނަމަ، ދެން އޮންނާނީ އޭނާގެ ދަރިފުޅު ޕިއާގެ ބޯ ކަމަށެވެ.

އެ ދުވަސްތައް ދިޔައީ ވަރަށް ބިރުވެރިކޮށް ކަމަށާއި، ކުރީގެ ކްލަބަށް ދިއުމުގެ ބޭނުން ފުއްދުމުގެ ގޮތުން ކޮންމެ ރެއަކު ރޯކަށެއް ނުހުރެވޭނެ ކަމަށް ޑި މާރިއާގެ ވާހަކައިގައި ފާހަގަކުރިއެވެ.

ކްލަބު ކެރިއަރުގައި މިހާތަނަށް 750 އަށް ވުރެ ގިނަ މެޗު ކުޅެފައިވާ ޑި މާރިއާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ވެސް 145 މެޗު ހަމަކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ އާއެކު ފީފާ ވޯލްޑް ކަޕްގެ އިތުރުން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.