ގދ. ތިނަދުއަށް އައު 4 އިންޖީނު ގެނައުމަށްޓަކައި ކޮންޓްރެކްޓްގައި އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ތިނަދޫ އިންޖިނުގޭގައި ހިނގި އަލިފާނުގެ ޙާދިސާ ގުޅިގެން އެރަށުގައި ހުރި އިންޖީނުގެ ތަޅާލައި ރާވާލެވިފައިވާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މިއަހަރުގެ ޖެނުއަރީމަހުގެ 25 ވަނަދުވަހު ގދ. ތިނަދޫ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާއާ ގުޅިގެން އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މި ޙާދިސާއާ ގުޅިގެން ފެނަކަ ކުންފުންޏަކަށް 22 މިލިޔަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވިއެވެ. މީގެއިތުރުން ނިމާލް ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އިންޖީނުގެ ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާއި ގުޅިގެން އިންޖީނުގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ތިނަދޫގައި ޤާއިމް ކުރެވޭ ޖަނެރެޓޭޓަރ ނިޒާމަކީ ކުރިން އެތަނުގައި އަލިފާންގެ ޙާދިސާ ހިނގިއިރު ހުރި ނިޒާމަށްވުރެ ފެންވަރު ރަނގަޅު ނިޒާމަކަށް ވެގެންދާނެކަމަށް ނިމާލް ވިދާޅުވިއެވެ. މި އިންޖީނުގެ ނިމިގެންދާއިރު ސަލާމަތީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރަނގަޅު ނިޒާމަކަށް ވެގެންދާނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
މިއަހަރު ނިމިގެންދާއިރު ތިނަދޫގައި އާއިންޖީނުގޭގެ ޚިދުމަތް ލިބިގެންދާނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން އަންނަ ހަފްތާގެ ތެރޭގައި ތިނަދުއަށް އައު 4 އިންޖީނު ގެނައުމަށްޓަކައި ކޮންޓްރެކްޓްގައި ސޮއިކުރެވޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.