ޚަބަރު

ޔަހޫދީން ބައިރޫތަށް ޙަމަލާ ދިނީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލަން


ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީން ފައުޖުން ދީފައިވާ ރަޙުމު ކުޑަ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ފުޢާދް ޝުކްރު ހުންނެވި އިމާރާތަށް ކަމުގައި އެ ޖަމާޢަތުން ބުނެފިއެވެ. ނަމަވެސް, ޔަހޫދީންގެ ޙަމަލާގައި އޭނާ ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ދެކުނުގައި އޮންނަ އަލް-ޟާޙިޔާގެ ޙާރަތު ޙުރަޔިކް އަވަށުގައި ހުރި ޙިޒްބުاللهގެ ޝޫރާ ކައުންސިލްގެ އިދާރާ ކައިރީގައި ހުރި އިމާރާތަކަށެވެ. ޙަމަލާތަކުގައި ޝުކްރު ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީ ފައުޖުން ބައިރޫތަށް ޙަމަލާ ދީފައި ވަނީ ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަށް ދާދި ފަހުން ދިން ރޮކެޓް ޙަމަލާއެއްގައި ޔަހޫދީންގެ 12 މީހުން މަރުވުމުން އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި, އަލް-ޖޫލާންގެ އުސް ބިންތަކުގައި އޮންނަ މިޖްދަލް ޝަމްސްގެ ދްރޫޒީ އަވަށުގެ ފުޓުބޯޅަ ދަނޑަކަށް ޙަމަލާ ދީފައި ވަނީ ޙިޒްބުاللهންނެވެ. ނަމަވެސް, އެ ޙަމަލާގައި އެ ޖަމާޢަތުގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެ, ޙިޒްބުاللهން ވަނީ ޔަހޫދީންނާއި އެމެރިކާގެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ޟާޙިޔާއަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ޝުކްރު ޝަހީދު ކޮށްލާފައިވާ ކަމުގައި, ނަން ހާމަ ކޮށްފައި ނުވާ ބޭރު ޤައުމެއްގެ ސަލާމަތީ ދާއިރާގެ އޮފިޝަލަކު ބުނެފައިވެއެވެ. ނަމަވެސް, ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައި ނެތް ނަމަވެސް, ޙަމަލާ ދިން ވަގުތު ޝުކްރު އެ އިމާރާތުގައި ހުރި ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. ޔަހޫދީންގެ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލައި, އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އަންހެނަކާއި ދެ ކުޑަކުދިން ހިމެނެއެވެ. އެ ޙަމަލާގައި 74 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާނުގެ އަލް މަނާރު ޓީވީން ރިޕޯޓު ކުރެއެވެ.

ޖޫލާންގެ ދްރޫޒީއަށް ދީފައިވާ ޙަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ޔަހޫދީން ތުހުމަތު ކުރާ ޝުކްރަކީ ޙިޒްބުاللهގެ އިސްވެރިޔާ ސައްޔިދް ޙަސަން ނަޞްރުاللهގެ އިސް މުޝީރެކެވެ. ޔަހޫދީންގެ ޙަމަލާގައި އޭނާ ޝަހީދުވެފައިވާ ނަމަ, އެއީ ފާއިތުވި 10 ވަރަކަށް މަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ އެންމެ އިސް ކޮމާންޑަރަށް ވެގެން ދާނެއެވެ.

ލުބްނާންގެ މުޖާހިދުންނާއި ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިންނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން އިތުރަށް ހޫނުވުމާ ގުޅިގެން, ހަނގުރާމަ ނޫން އެހެން ހައްލެއް ހޯދުމަށް އދން ވަނީ ގޮވައިލާފައެވެ. އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އދގެ ސްޕެޝަލް ކޯޑިނޭޓަރ ޖަނީނަ ހެނަސް-ޕްލަސްކާޓް ވަނީ, މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް ދެ ފަރާތަށް އިލްތިމާސް ކުރައްވާފައެވެ. "ހަނގުރާމައަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ސަރުކާރުން ވަނީ ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. "އެ މީހުން [ޔަހޫދީ ފައުޖުން] ބެއިރޫތަށް ޙަމަލާތަކެއް ދޭނެ ކަމަކަށް ކުރިން ބެލެވިފައެއް ނެތް. ނަމަވެސް, އެ މީހުން އެ ވަނީ ބެއިރޫތަށް ޙަމަލާ ދީފައި. އެ ޙަމަލާގެ ބަދަލުގައި ޙިޒްބުاللهން ދޭނީ, އެ ކަމާ ބައްދަލު ޖަވާބެއް [ރައްދު ޙަމަލާއެއް] ކަމުގައި ގަބޫލު ކުރަން. އަދި, މަސްރަޙު އިތުރަށް ހޫނު ނުވާނެ ކަމަށް އުންމީދު ކުރަން،" ލުބްނާންގެ ޚާރިޖީ ވަޒީރު ޢަބްދުالله ބޫ ޙަބީބު ވިދާޅުވިއެވެ.

ލުބްނާންގެ ސަރުކާރުގެ އިތުރުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި, ޔަމަންގެ ޙޫޘީ ޖަމާޢަތުގެ އިތުރުން ސޫރިޔާއާއި އީރާނުން ވެސް ޔަހޫދީންގެ ޙަމަލާތައް ކުށްވެރި ކޮށްފައިވެއެވެ. ޔަހޫދީންގެ މަދަދުގާރު, އެމެރިކާއިން ވަނީ ޔަހޫދީ ފައުޖަށް ތާޢީދު ކުރުމުގައި ދެމި އޮންނާނެ ކަން ހާމަކޮށްފައެވެ. 2006ވަނަ އަހަރު ވެސް ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ހަނގުރާމަ ކޮށްފައިވެއެވެ.