ޚަބަރު

ފްލެޓު ލިސްޓު އިވެލުއޭޓްކުރާއިރު ސްކީމަށް ހުށައެޅި ހުރިހައި ފޯމުތައް ބަލާނަން: ވަޒީރު ހައިދަރު


  • އޭސީސީން ސައްޙަކަމަށް ނިންމި ލިސްޓަށް ބަދަލެއް ނުގެންނާނެ

  • ވަޒީރު ވިދާޅުވީ 20000އަށްވުރެ ގިނަ ފޯމު އިވެލުއޭޓްކުރަމުންދާ ކަމަށް

  • އޮކްޓޯބަރު މަހު ލިސްޓް އާއްމުކުރާނެ

ފްލެޓް ލިބޭ މީހުން ކަނޑައަޅާ ލިސްޓް އެކުލަވާލާނީ އެސްކީމަށް ހުށައެޅި ހުރިހާ ފޯމުތައް އަލުން އިވެލުއޭޓް ކުރުމަށްފަހު ކަމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު މުޙައްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އޭސީސީން ސައްޙަކަމަށް ނިންމާފައިވާ ލިސްޓަށް ބަދަލެއް ނުގެންނާނެކަމަށެވެ. ވަޒީރު ހައިދަރު މިހެން ވިދާޅުވީ ފްލެޓް ލިސްޓް އިވެލުއޭޓްކުރުމަށް ކުރިއަށްގެންދާ މަސައްކަތާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

4000 ފްލެޓްގެ މައްސަލަ އޭސީސީން ބެލުމަށްފަހު ނެރުނު ރިޕޯޓްގައިވަނީ، އެއްވެސް މައްސަލައެއް ނެތި ފްލެޓް ލިބުނުކަން ކަށަވަރުވެފައިވަނީ 825 މީހުންނަށްކަމަށެވެ. ދެން ލިސްޓުގައި ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 3175 ފޯމަކީ، ޕޮއިންޓް ދިނުމުގައި މައްސަލަ ހުރި ފޯމުތައްކަމަށެވެ.
ފްލެޓް ލިސްޓް އެކުލަވާލުމުގައި އޭސީސީގެ އިތުރުން ސަރުކާރުން ފްލެޓް ކޮމިޓީއެއް އުފައްދަވާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ދަނީ ލަފާ އަރުވަމުންނެވެ.

ފްލެޓް ލިސްޓް ނެރުން ލަސްވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް މުރާޖަޢާކޮށް އަންނަ އޮކްޓޯބަރު މަހު އިޢުލާނުކުރައްވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި އެއްވެސް ލިސްޓެއް އުވާނުލައްވާނެކަމަށާއި، ނަމަވެސް މައްސަލަ ހުރިކަމަށް އޭސީސީން ކަނޑައެޅި ލިސްޓްގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރައްވަމުންދާކަމަށެވެ.

ވަޒީރު ހައިދަރު ވިދާޅުވީ ލިސްޓް މުރާޖަޢާކުރުމުގައި ބަލަމުންދަނީ ހަމައެކަނި މި 4000 ފޯމަށް ނޫންކަމަށެވެ. ސްކީމަށް ހުޅުވާލުމުން ހުށައެޅި ހުރިހާ ފޯމެއް ބަލަމުންދާކަމަށެވެ. މީގެ ބޭނުމަކީ ފްލެޓް ލިބޭ މީހުންނަކީ އެކަމަށް އެންމެ ހައްގުވެރި މީހުންކަން ކަށަވަރުކުރުންކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމަށް 20000އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.

"އޭސީސީން ކަނޑައެޅީ 825 މީހުންގެ ފޯމު ސައްޙަކަމަށް. އިތުރަށް ބަލާނަން 4000 ފްލެޓް ލިސްޓްގައި ދެން ހިމެނޭ މީހުންނަށް މަރކްސް ދީފައި ހުރިގޮތް. މިފަހަރުގެ އިވެލުއޭޝަންގައި ސްކީމަށް ހުށައެޅި 20000އަށްވުރެ ގިނަ ފޯމު އަލުން ބަލާނަން. އެއަށްފަހު ފްލެޓް ލިބޭ މީހުން ދެން ކަނޑައަޅާނީ." ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ.ޙައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން ދެއްވިގޮތަށް، އެއްވެސް މައްސަލައެއް ނެތި ލިސްޓުގައި ހިމެނުނު ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުކުރައްވާނެކަމަށެވެ. ނަމަވެސް ދޮގު މަޢުލޫމާތާއި އޮޅުވާލައިގެން ލިޔެކިޔުން ހުށައެޅި މީހުންގެ އެއްބަސްވުންތައް ބާޠިލުކުރުމުގެ ބާރު ވުޒާރާއަށް ލިބޭކަމަށެވެ.

4000 ފްލެޓް މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރުގެ ނިޔަލަށް މުޅިން ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.