ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ ސައުތު މާލެ ޒޯނުގެ ކުޅުން ބުރާސްފަތި ދުވަހު ފަށަން ނިންމައިފި އެވެ.
މުޅިރާއްޖެ ހިމެނޭ ގޮތައް ރިސޯޓްތަކުގެ މެދުގައި ކުރިޔަށްދާ މި މުބާރާތުގެ ސައުތު މާލެ ޒޯނަކީ ދެވަނައަށް އެއްމެ ގިނަ ޓީމުތައް ވާދަކުރާ ޒޯނެވެ. 12 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި ޒޯންގެ ކުޅުން ކުރިޔަށްދާނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން 15 އޮގަސްޓަށެވެ.
ޒޯނުގެ ގްރޫޕް އޭގައި ވާދަކުރަނީ ކްރޮސްރޯޑްގެ އިތުރުން ހާޑްރޮކާއި އަނަންތަރާ ދިގު އެވެ. ގްރޫޕް ބީގައި ވާދަކުރަނީ މާދޫ އާއި ވާރލްޑޯފް އާއި އެސްއޯ މޯލްޑިވްސް އެވެ. ގްރޫޕް ސީގައި ވާދަކުރަނީ ސާއީ ލެގޫން އާއި އޮޅުވެލި އަދި ވެލައްސަރު އެވެ. ގްރޫޕް ޑީގައި ވާދަކުރަނީ ކޮމޯ ކޮކޯ އާއި ބޮލިފުށި އަދި ކަނޑޫމާއެވެ.
މި ޒޯނުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ މުބާރާތް ބާއްވާ ކްރޮސްރޯޑް އާއި ހާރޑްރޮކެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ކްރޮސްރޯޑް ހޯދީ ފައިނަލްގައި އަނަންތަރާ ދިގު މޯލްޑިވްސް އާއި ބައްދަލުކޮށެވެ.
މި އަހަރުގެ ރިސޯޓް ލީގުގައި ހަތް ޒޯނެއްގައި މުބާރާތް ކުރިއަށްދާއިރު މިހާތަނަށް ވަނީ ހަ ޒޯނުގެ ކުޅުން ނިމިފައެވެ. ނޯތު މާލެ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ބަޑޮސް މޯލްޑިވްސްއެވެ. އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދީ ކޮންރަޑް މޯލްޑިވްސް އެވެ. ދާލު ޒޯނުގެ ޗެމްޕިއަންކަން އަގްސާނާ މޯލްޑިވްސް ހޯދި އިރު ބާ ޒޯނުގެ ޗެމްޕިއަންކަން ހޯދީ އަނަންތަރާ ކިހަށް ވިލާސް އެވެ. އަދި ރާ ޒޯނުގެ ޗެމްޕިއަންކަން ހޯދީ ޖޯލި މޯލްޑިވްސް އެވެ.