މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓްގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް މެޗުގައި ހޮލެންޑްގެ ޓެލޯން ގްރީކްސްޕޫރް އާއި ވެސްލީ ކޫލްހޮފްގެ ޕެއާ ބަލިކޮށް، ސްޕެއިނުގެ "ޑްރީމް ޓީމް" ރަފައެލް ނަޑާލް އާއި ކާލޯސް އަލްކަރާޒްގެ ޕެއާއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ކޯޓް ސުޒޭން ލެންގްލެން އެރީނާގައި ރޭ ކުޅުނު މި މެޗުން ނަޑާލް އާއި އަލްކަރާޒްގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. 'ނަޑާލްކަރާޒް' ގެ ނަމުން މުހާތަބުކުރެވޭ ޑަބަލްސްގެ މި ޕެއާ އިން ފުރަތަމަ ސެޓު ކާމިޔާބުކުރީ 6-4 އިންނެވެ.
އެކަމަކު، ދެންޖެހިގެންއައި ދެވަނަ ސެޓު ޓައި-ބްރޭކެއްގައި ކުރީގެ ޑަބަލްސް އެއްވަނަ ރޭންކްގައި ހިމެނުނު ކޫލްހޮފް، ވަނީ އޭނާގެ ޕާޓްނަރު ގްރީކްސްޕޫރް އާއެކު 7-6 (7-2) އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް، ދެން ކުޅެވުނު ތިންވަނަ ސެޓު ޓައި-ބްރޭކެއްގައި ނަޑާލް އާއި އަލްކަރާޒް ވަނީ 10-2 އިން ކާމިޔާބުކޮށްފައެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓް ކުޅޭ، ރޯލަން ގަރޮސް ކޯޓުގައި ކުޅެމުން އަންނަ ފްރެންޗް އޯޕަން 14 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް އަށް މި ގޭމްސްގެ ސިންގަލްސް އިވެންޓްގައި ވާދަވެރި ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ އަތުން ބޮޑު ތަފާތަކުން ބަލިވިނަމަވެސް އޭގެއިން އެނބުރިއައިސް ނަޑާލް މިވަނީ އަލްކަރާޒް އާއެކު ވަރުގަދަ ކުޅުމެއްދައްކައި ޑަބަލްސް މެޗުގައި މުހިއްމު މޮޅެއް ހާސިލްކޮށްފައެވެ.
މީގެކުރީން، ނަޑާލް ވަނީ 2008 ވަނަ އަހަރު ބެއިޖިންގ އޮލިމްޕިކްސްގައި ސިންގަލްސް ބައިން ރަން މެޑަލް އަދި 2016 ވަނަ އަހަރު ރިއޯ ޑި ޖެނެއިރޯގައި ބޭއްވި ގޭމްސްގައި މާކް ލޯޕެޒްއާއެކު ޑަބަލްސް ރަން މެޑަލް ހޯދާފައެވެ. މި ފަހަރުގެ އޮލިމްޕިކްސް އަކީ އޭނާގެ އެންމެ ފަހު ގޭމްސް އެވެ. މިއީ އަލްކަރާޒް ބައިވެރިވާ ފުރަތަމަ އޮލިމްޕިކްސް އެވެ.
މި ފަހަރުގެ ގޭމްސްގައި ޓެނިހުގެ ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ކުއާޓާގައި ނަޑާލް އާއި އަލްކަރާޒް ދެން ނިކުންނާނީ އެމެރިކާގެ އޮސްޓިން ކްރަޖިޗެކް އާއި ރަޖީވް ރާމްގެ ޕެއާއާ ދެކޮޅަށެވެ.