ދީން

ފަލާޙް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ފަލާޙް ޤުރުއާން ކުލާހުގެ ފަރާތުން އިންތިޒާމްކޮށްގެން، އެޖަމްޢިއްޔާގެ ބާނީ މަރުޙޫމް އަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ބޭއްވި 16 ވަނަ ތައްތު ކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ ދަރިވަރަކަށް އަމީރު އަޙުމަދުގެ ދަރިވަރު ސާރާ ޢަބްދުއްނާޞިރު ހޮވިއްޖެއެވެ. މިމުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ދޮންދޫނި ލިޓިލް ލަރނާސްއެވެ.

މުބާރާތުގެ ނަތީޖާފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނާއި ސްކޫލްތަކަށް އިނާމް ޙަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރުގެ ނާއިބު ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުއެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައިޚް މުޙައްމަދު ރަޝީދު ވިދާޅުވީ ޤުރުއާން ހިތުދަސްކުރުމަކީ ދަރިވަރުންގެ ހިތް އަލިކޮށްދޭ ކަމެއް ކަމަށެވެ. އަދި ދަރިންނަށް ދަސްކޮށްދެވޭ ހެޔޮކަމުގެ ދަރުމަ މައިންނަށްވެސް ލިބިގެންދާނެކަމަށް ޝައިޚް ވިދާޅުވިއެވެ.

ހިތުދަސްކޮށްގެން ކިޔަވާ މި މުބާރާތުގެ އެއްވަނަ ދަރިވަރާއި ސްކޫލްގެ އިތުރުން ދެވަނަ އަދި ތިންވަނަ ދަރިވަރާއި ސްކޫލަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އަބޫބަކުރު އިބްރާހީމްގެ ހަނދާނީ ޤުރުޢާން މުބާރާތުގެ އިތުރުން ޖަމީޢަތުލް ފަލާޙްގެ ޤުރުއާން ކުލާސްތަކުގެ މެދުގައި ބޭއްވި ދެވަނަ މުބާރާތުގެ ވަނަވައަށް އައި ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ އިނާމް ހަވާލުކޮށްފައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ލިބިފައި ވަނީ މުޙައްމަދު އަދިޔަން ނިޒާރު އަދި ނުބަލާކިޔެވުމުގެ ބައިން އެއްވަނައަށް ހޯދީ ނައުޝީން އަޙުމަދު ނާޝިދުއެވެ. 

އަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ޖަމީޢަތުލް ފަލާޙުން ބާއްވާ ޤުރުޢާން ހިތުން ކިޔެވުމުގެ މުބާރާތަކީ 2000 ވަނައަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މުބާރާތެކެެވެ. މޭ މަހުގެ ހަތްވަނަ ދުވަހު ބޭއްވި އަބޫބަކުރު އިބްރާހީމްގެ ހަނދާނީ ޤުރުޢާން މުބާރާތުގައި 20 ސްކޫލަކުން ޖުމްލަ 98 ތުއްތު ކުދިން ވަނީ ބައިވެރިވެފައެވެ. މިއީ ތުއްތު ކުދިންގެ މެދުގައި ޤުރުއާން ހިތުދަސްކުރުމަށް ހިއްވަރުދިނުމާއި ޤުރުއާނަށް ލޯބިޖެއްސުމަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށް ފަލާޙް ޖަމިއްޔާއިން ބުނެއެވެ.