ޚަބަރު

އޮލިމްޕިކްސް: ނަޑާލް ބަލިކޮށް، ޖޮކޮވިޗް އަނެއް ބުރަށް


ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެނުންގެ ޓެނިހުގެ އިވެންޓްގައި ވާދަވެރި ސްޕެއިނުގެ ރަފައެލް ނަޑާލް ބަލިކޮށް، ސާބިއާގެ ނޮވާކް ޖޮކޮވިޗް، ރަން މެޑަލް ހޯދުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ޖޮކޮވިޗް، 37، ވަނީ ރޯލަން ގަރޮސްގެ ކްލޭ ކޯޓުގައި އިއްޔެ ކުޅުނު ދެވަނަ ބުރުގެ މެޗުން ސީދާ ދެ ސެޓުން ނަޑާލްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ، 6-1، 4-6 އިންނެވެ.

ޖޮކޮވިޗް ބުނީ، އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށާއި، މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ އޭނާ ބޭނުންވި ގޮތަށް ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ،" މެޗަށްފަހު ޖޮކޮވިޗް ބުންޏެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓް ކުރިއަށްދާ ރޯލަން ގަރޮސްގެ ގްރައުންޑަކީ ނަޑާލް އަށް ވަރަށް ފަރިތަ ތަނެކެވެ. 'ކްލޭ ކޯޓުގެ ރަސްގެފާނު' ގެ ނަމުން މަޝްހޫރުވެފައިވާ، ނަޑާލް އަކީ އެ މުބާރާތް ރެކޯޑް 14 ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.

ޖުމްލަ 46 ގްރޭންޑް ސްލޭމް ސިންގަލްސް ޓައިޓަލް ކާމިޔާބުކޮށްފައިވާ މި ދެ ކުޅުންތެރިން މެޗު ނިމުމުން ކޯޓުގައި ވަނީ ބައްދަލުކޮށް ވާހަކަދައްކާފައެވެ. އަދި ޖޮކޮވިޗް ވަނީ، ނަޑާލް ކޯޓުން ފައިބައިގެންދިޔަ ވަގުތު މަރުހަބާ ކިޔައިފައެވެ.

މިއީ މި ދެ ކުޅުންތެރިންގެ ދެމެދުގައި ކުޅުނު ވާދަވެރި 60 ވަނަ މެޗެވެ. މިހާތަނަށް ޓެނިހުގައި އެއްވެސް ފިރިހެން ދެ ކުޅުންތެރިއަކު މިއަށްވުރެ ގިނައިން ވާދަކޮށްފައިނުވާއިރު، 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށްއައިއިރު ހެޑް-ޓު-ހެޑް ރެކޯޑުގައި 31-29 އިން ކުރީގަ އުޅެނީ ޖޮކޮވިޗް އެވެ.