ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި އެންމެ ފަހުން ޖަޕާނާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުން ބަލިވިނަމަވެސް، މިހާހިސާބުން ކުއާޓާ ފައިނަލަށް ދިއުމުގެ ދޮރުތައް ބަންދުނުވާ ކަމަށް އެ ޓީމުގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށްވާ، މާރްތާ ބުނެފިއެވެ.
ބްރެޒިލްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ، މާރްތާ ވަނީ އެ ޓީމަށް 200 މެޗު ކުޅެދީފައެވެ. މިހާތަނަށް އޮލިމްޕިކްސްގައި ހަ ފަހަރަށް ވާދަކޮށްފައިވާ، މާރްތާ ބުނީ، އެންމެ މުހިއްމު ކަމަށް ވެފައިއޮތީ ޖަޕާން މެޗުން މޮޅުވުމަށް ކަމަށެވެ. އެކަމަކު، އެ މެޗުގައި އެންމެ ރަނގަޅަށް ފަރުވާތެރިނުވެވި، ސަމާލުކަން ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ފަހުވަގުތު ކޮޅަށް ވަތް ދެ ލަނޑާއެކު ބަލިވެފައިވާ ކަމަށެވެ.
މާރްތާ، 38، ބުނީ، ކުރީ މެޗުގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާފައިވިޔަސް، ބްރެޒިލަށް ފުރުޞަތު އަދި އެބައޮތް ކަމަށެވެ. އެގޮތުން، އެ ގްރޫޕުގައި ބާކީ އޮތް މެޗުގައި މޮޅުވުން ނޫން ގޮތެއް އެ ޓީމަށް ނެތް ކަމަށާއި، ބްރެޒިލުން ނިކުންނާނީ ވެސް އެ އަޒުމުގައި ކަމަށް ވެސް މާރްތާ ބުންޏެވެ.
މިހާތަނަށް އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި ދެ ފަހަރަށް ރިހި މެޑެލް ހޯދާފައިވާ މާރްތާގެ ބްރެޒިލުން ފަހު މެޗުގައި ނިކުންނަންޖެހެނީ މިހާރު ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ، އެންމެ ފަހުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަން، ސްޕެއިނާ ދެކޮޅަށެވެ.
ކުރިއަށް އޮތް މެޗާ ބެހޭގޮތުން، ބްރެޒިލްގެ ކޯޗު، އާތަރ އެލިއަސް ބުނީ، ބްރެޒިލަށް އޮތީ އެންމެ ގޮތެއް ކަމަށެވެ. އެއީ، ފަހު މެޗުގައި ސްޕެއިން ބަލިކުރުން ކަމަށެވެ. އަދި، އޭނާގެ ޓީމުގައި ކޮންމެ ޓީމެއް ބަލިކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ވެސް އެލިއަސް ބުންޏެވެ.
ގްރޫޕް ސީ ގެ އެއްވަނައިގައި އުޅޭ ސްޕެއިނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޖަޕާނާއި، ތިނެއްގައި އޮތް ބްރެޒިލަށް ވެސް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ނައިޖީރިއާ އަށް ޕޮއިންޓެއްނުލިބެއެވެ.
އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ މަގާމު ހާސިލްކުރާ ދެ ޓީމަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.