ޚަބަރު

ކަލަފިއޯރީ އާސެނަލަށް ސޮއިކޮށްފި


ބޮލޯނިއާ އަށް ކުޅެމުންއައި އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ، އާސެނަލަށް ސޮއިކޮށްފިއެވެ.

ކަލަފިއޯރީ، 22، އާސެނަލަށް ބަދަލުވެ، ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އާސެނަލުން ވަނީ ކަލަފިއޯރީގެ ސޮއި ހޯދުމަށް ބޮލޯނިއާ އަށް ބޯނަހާއެކު ގާތްގަނޑަކަށް 45 މިލިއަން ޔޫރޯ ދައްކަން އެއްބަސްވެފައެވެ.

ނިމިދިޔަ ޔޫރޯގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތް އިޓަލީގެ ޑިފެންސްގައި މިހާރު މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަލަފިއޯރީ އަކީ ވާތު ބެކްގެ އިތުރުން ސެންޓަބެކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށްވުމުން، އޭނާ ވެފައިވަނީ އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ އެ ޓީމުގެ ޑިފެންސަށް ގެނައުމަށް އެންމެ ޝައުގުވެރިވާ ކުޅުންތެރިޔާ އަށެވެ.

ކަލަފިއޯރީ އާސެނަލަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު، އާޓޭޓާ ވަނީ، ކަލަފިއޯރީގެ އާއިލާއަށާއި، އޭނާ އަށް މަރުހަބާ ކިޔާފައެވެ. އަދި އާޓޭޓާ ބުނީ، ކަލަފިއޯރީ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ ސޮއިކުރުމާއެކު އާސެނަލްގެ ޑިފެންސް ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށެވެ. މީގެއިތުރުން، ކަލަފިއޯރީގެ އެހީތެރިކަމާއެކު އެ ޓީމަށް ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ވެސް އާޓޭޓާ ވަނީ ބުނެފައެވެ.

އުމުރުން އެންމެ 8 އަހަރުގައި ރޯމާގެ އެކަޑެމީއާ ގުޅުނު ކަލަފިއޯރީ ވަނީ، އެކްލަބުގައި 12 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގައި ސީނިއާ ޓީމަށް ކުޅެދިން 18 މެޗުގައި އެއްލަނޑުޖަހައިފައިވެއެވެ. އޭގެފަހުން، އޭނާ ވަނީ 2022 ވަނަ އަހަރު ސްވިޒަލެންޑްގެ ބާސެލް އަށް ބަދަލުވެފައެވެ. އެ ކްލަބުގައި ހޭދަކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅުނީ ވާތު ބެކްގެ އިތުރުން ވާތު ވިންގްބެކްގެ މަގާމަށެވެ.

ކަލަފިއޯރީގެ ވިދުން އެންމެ ގަދަވީ، ނިމިދިޔަ އަހަރުގައި ބޮލޯނިއާ އަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު، ތިއާގޯ މޯޓާގެ ރޭވުންތެރިކަމުން އޭނާ ސެންޓްރަލް ޑިފެންސްގައި ބޭނުންކުރަން ފެށުމުންނެވެ.

އެގޮތުން، އެ ޓީމުން ލީގުގެ ހަތަރުވަނައިގައި އޮވެ ސީޒަން ނިންމާލައި، 1964 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިކޮށްދިނުމުގައި ކަލަފިއޯރީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މިއާއެކު، އެންމެ ފަހުގެ ޔޫރޯގައި ވާދަކުރި އިޓަލީގެ ސްކޮޑުގައި ހިމެނި، ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރަންލިބި އެ ފުރުޞަތުގެ ބޭނުންހިފައި، ކަލަފިއޯރީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ކަލަފިއޯރީ ވަނީ އެ މުބާރާތުގައި އިޓަލީން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ކުޅެފައެވެ. އޭނާ އަށް ގެއްލުނީ ގަދަ 16 ގެ ބުރުގައި ސްވިޒަލެންޑް އަތުން އިޓަލީ ބަލިވި މެޗެވެ. އެއީ ދެ ކާޑު ހަމަވުމުގެ ސަބަބުންނެވެ.

އާ ސީޒަނުގެ ލީގުގައި އާސެނަލް ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.