ސިއްހަތު

ރޯދަމަހު ކެއުން ބައްޓަންކުރާނެ ގޮތުގެ މަޢުލޫމާތު ދީފި


ހަކުރު ބަލި ހުންނަ މީހުން ރަމަޟާންމަހު ކެއުން ބައްޓަންކުރާނެ ގޮތާއި ގުޅޭ ގޮތުން އެފަރާތްތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން މަޢުލޫމާތުދީފިއެވެ.

އައިޖީއެމްއެޗުން މިއަދު ވަނީ ހަކުރު ބަލި ހުންނަ މީހުން ރަމަޟާން މަހު ކެއުމުގައި ބޭނުންކުރާ ކާނާއާއި، ކެއުމުގައި ސަމާލުކަން ދޭން ވީ ކަންތައްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވެވުމަށް ޚާއްސަ ސެޝަނެއް ބާއްވަވާފައެވެ. މިސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ އައިޖީއެމްއެޗުގެ ޑައިޓީޝަން ޑރ. އާސިޔާ އަބްދުއްރަޙުމާންއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑރ. އާސިޔާ އަބްދުއްރަޙުމާން ވިދާޅުވީ، ހަކުރު ބަލި ހުންނަ މީހުންނަށް އަމާޒުކުރައްވައިގެން ބޭއްވެވި މި ސެޝަންގައި، ހަކުރު ބަލި ހުންނަ މީހުން ރަމަޟާންމަހު ހަކުރު ކޮންޓްރޯލްކުރުމަށާއި، ކެއުމުގައި ސަމާލުކަން ދޭންވީ ކާނާއާ ބެހޭ މަޢުލޫމާތާއި، ރަމަޟާން މަހު ހަކުރު މާމަތިވުން އަދި މާދަށްވުން ހުއްޓުވާނީ ކިހިނެއްކަމާއި ގުޅޭ މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ޑރ. އާސިޔާ ވިދާޅުވީ، މި ސެޝަންގައި ކެއުންތައް ބައްޓަން ކުރާނެ ގޮތާއި، ކާބޯހައިޑްރޭޓް ކެއުމެއްގައި ބޭނުން ކުރައްވާނެ މިންގަނޑާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވިކަމަށެވެ. އޭގެ ތެރޭގައި މޭވާއާއި، ތަރުކާރީއާއި ކިރާއި ފޮނި ކާނާ އަދި ޖޫހުގެ އިތުރަށް ގޮވާމުގެ ބާވަތްތަށް ބޭނުންކުރާނެ މިންވަރު އޮޅުންފިލުއްވައި ދެއްވާފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ.

 މިސެޝަންގައި ހަކުރު ބަލި ހުންނަ މީހުން ބައިވެރިވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ.