ޚަބަރު

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ އޮޑިޝަންތައް ފަށައިފި


ޓީވީއެމުން ރަމަޟާންމަހު ދައްކާ ޕްރޮގްރާމްތަކުގެ ތެރެއިން ޢާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ އޮޑިޝަންތައް ފަށައިފިއެވެ.

ރާއްޖޭގެ ތިން ސަރަޙައްދެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއޮޑިޝަންގައި ފުރަތަމަ އޮޑިޝަން ފެށީ މިއަދު ފުވައްމުލަކުގައެވެ. ފުވައްމުލަކުގެ އޮޑިޝަން ކުރިއަށްދާނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ހޯލްގައެވެ.

ފުވައްމުލަކު އޮޑިޝަނަށްފަހު ދެން ބާއްވާނީ ގދ. ތިނަދޫ އޮޑިޝަން. މިއޮޑިޝަން މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހއ. އިހަވަންދޫގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މި 3 އޮޑިޝަނަށްފަހު މާލޭގެ އޮޑިޝަން ޖޫން ފުރަތަމަ ދެ ދުވަހު ބާއްވާނެއެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމް ބާއްވާތާ މިއީ 4 ވަނަ އަހަރެވެ. މިއަހަރުގެ ޕްރޮގްރާމްއިން 1 ވަނައަށް ހޮވޭ ފަރާތްތަކަށް ޕީއެސްއެމްއިން ދިނުމަށް ހަމަޖެހިފައިވަނީ ބައިމިލިއަން ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއީ މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް އެންމެ ބޮޑު ފައިސާގެ އިނާމެއް ހުށަހަޅާ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އަލިގަދަ ތަރި ޕްރޮގްރާމްގެ ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.