ޚަބަރު

އޮލިމްޕިކްސް: އެމެރިކާ އާއި ސްޕެއިން ކުއާޓާ އަށް، ކެނެޑާ އިން ފްރާންސް ބަލިކޮށްފި


މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގައި އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، އެމެރިކާ އާއި ސްޕެއިން ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، އުނދަގޫ ފައްތަރެއްގައި އޮތް ކެނެޑާ އިން ފަހުވަގުތު ފްރާންސް ބަލިކޮށްފިއެވެ.

އެމެރިކާ އިން ވަނީ 4-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިކޮށްފައެވެ. ސްޕެއިނުން 1-0 އިން ނައިޖީރިއާ ބަލިކުރިއިރު، ފްރާންސް އަތުން ކެނެޑާ މޮޅުވީ 1-2 އިންނެވެ.

މިހާތަނަށް އޮލިމްޕިކްސްގައި އަންހެނުންގެ ފުޓްބޯޅައިގައި ހަތަރު ރަން މެޑެލް ހާސިލްކޮށްފައިވާ، އެމެރިކާ އިން ވަނީ ފުރަތަމަ ހާފުގައި ޖަރުމަނާ ކޮޅަށް ތިން ލަނޑުޖަހައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ފަހު ހާފު ނިމެންދަނިކޮށެވެ. އެމެރިކާގެ ލަނޑުތައް ޖަހައިދިނީ، ސޯފިއާ ސްމިތު ދެ ގޯލާއި، މެލަރީ ސްވޭންސަން އާއި ލީން ވިލިއަމްސް އެވެ. ޖަރުމަނުގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖިއުލިއާ ގްވިން އެވެ.

އެންމެ ފަހުގެ ވިމެންސް ވޯލްޑް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ، ސްޕެއިނުން ނައިޖީރިއާ އަތުން މޮޅުވީ ފަހުވަގުތު ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު، އަލެކްސިއާ ޕުޓެޔާސް ކާމިޔާބުކުރި ގޯލުންނެވެ.

މި ފަހަރުގެ އޮލިމްޕިކް ގޭމްސްގެ ހޯސްޓުން ކަމަށްވާ، ފްރާންސްގެ މާރީ-އެންޓޮއިނެޓް ކަޓޯޓޯ އެ ޓީމަށް ފުރަތަމަ ހާފުގައި ލަނޑެއްޖަހައިދީ ލީޑްނަގާފައިވަނިކޮށް، ފަހު ހާފުގައި ކެނެޑާގެ ކެޕްޓަން، ޖެސީ ފްލެމިންގ އާއި ވެނެސާ ޖިލްސް ވަނީ އެ ޓީމު މޮޅުކޮށްދީފައެވެ. ކެނެޑާގެ ޖިލްސް މި ލަނޑުޖެހީ އިތުރުވަގުތުގެ ގޮތުގައި ދެއްކި 12 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، މި މެޗަށް ނިކުތްއިރު މައިނަސް ތިން ޕޮއިންޓާއެކު އޮތް ކެނެޑާ އަށް އަދިވެސް ޕޮއިންޓެއް ނުލިބެއެވެ. އެ ޓީމަށް ކުއާޓާ އަށް ދެވެން އޮތީ މި ގްރޫޕުގެ ފަހު މެޗުގައި ކޮލަމްބިއާ ބަލިކޮށްގެންނެވެ. ނިއު ޒީލެންޑާ ދެކޮޅަށް ކުޅުމުގެ ކުރީން، އެ ޓީމުގެ ތަމްރީންތައް ކުރިއަށްދަނިކޮށް ޑްރޯން ބޭނުންކޮށްގެން ޖާސޫސް ކުރި މައްސަލައިގައި ފީފާ އިން ވަނީ ކެނެޑާ އަށް ފިޔަވަޅު އަޅައި، ހަ ޕޮއިންޓް އުނިކޮށްފައެވެ.

މި އިވެންޓްގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެޒިލް އަތުން 1-2 އިން ޖަޕާން މޮޅުވިއިރު، އޮސްޓްރޭލިއާ އިން ވަނީ ފަހަތުންއަރައި، 6-5 އިން ޒެމްބިއާ ބަލިކޮށްފައެވެ. ނިއު ޒީލެންޑް އަތުން ކޮލަމްބިއާ މޮޅުވީ 0-2 އިންނެވެ.