ޚަބަރު

އޮލިމްޕިކްސް: ނަޑާލް އާއި އަލްކަރާޒްގެ "ޑްރީމް ޓީމް" ޑަބަލްސް ޕެއާ ފެށީ އުނދަގޫ މޮޅަކުން


މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓްގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް މެޗުގައި ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ކާލޯސް އަލްކަރާޒްގެ "ޑްރީމް ޓީމް" ޕެއާ އިން އުނދަގުލުން އާޖެންޓީނާގެ އަންދްރެސް މޮލްޓޭނީ އާއި މެކްސިމޯ ގޮންޒާލޭޒްގެ ޕެއާ ބަލިކޮށްފިއެވެ

"ނަޑާލްކަރާޒް" ގެ ޕެއާ އިން ފުރަތަމަ ބުރުގެ މި މެޗުގައި ޑަބަލްސްގެ ހަވަނަ ސީޑް، މޮލްޓޭނީ އާއި ގޮންޒާލޭޒްގެ ޕެއާ އަތުން މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެކަމަކު، ނަޑާލް އާއި އަލްކަރާޒްގެ ޕެއާ އަށް މި މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރެވުނީ ޓައި-ބްރޭކެއްގައި 7-6 (7-4) އިންނެވެ.

ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގައި ނަޑާލް އާއި އަލްކަރާޒްގެ ޕެއާ ވަނީ ތަންކޮޅެއް ފަސޭހަކަމާއެކު، މުހިއްމު ޕޮއިންޓްތަކެއް ގެއްލިގެންދިއުމުން ވެސް ނަތީޖާ އަނބުރާލައި، 6-4 އިން ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ކުރިން ނަޑާލް އާއި އަލްކަރާޒް އެކުގައި ފަރިތަކުރީ އެންމެ ދެ ފަހަރު އެވެ. ނަމަވެސް، ގޭމްސްގެ ފުރަތަމަ ބުރުގައި ކުޅުނު މި މެޗުގައި އެ ދެ ކުޅުންތެރިން ފެނިގެންދިޔައީ ތަޖުރިބާކާރު ޕެއާއެއްގެ ގޮތުގައެވެ. މީގެއިތުރުން، ޓެނިހުގެ ސިންގަލްސް އިވެންޓްގައި ފާހަގަކޮށްލެވޭ މި ދެ ކުޅުންތެރިންގެ ޕެއާ ކުޅެމުންދިޔައިރު ކޯޓު ފިލިޕް-ޗެޓްރިއޭގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ތަޢުރީފުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ނަޑާލް ބުނީ، މިހާރު ކާލޯސް (އަލްކަރާޒް) އާއެކު ޑަބަލްސް ކުޅެވޭތީވެ ވަރަށް އުފާވާ ކަމަށެވެ. އަދި ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ދުވަހެކޭ އެއްފަދައިން މިއަދަކީ ވެސް ހަނދާނުން ފޮހެލަން ދަތި ދުވަހެއް ކަމަށް ވެސް ނަޑާލް ވަނީ ބުނެފައެވެ.

އަލްކަރާޒް ވަނީ، މިއީ ކުރިން އުއްމީދުވެސް ކޮށްފައިނުވާ ކަމެއް ކަމަށާއި، ނަޑާލް އާއެކު ޑަބަލްސް އިވެންޓްގައި ކުޅުން ވެގެންދިޔައީ ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށް ބުނެފައެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ޓެނިހުގެ އިވެންޓް ކުރިއަށްދާ ރޯލަން ގަރޮސްގެ ގްރައުންޑަކީ ނަޑާލް އާއި އަލްކަރާޒް އަށް ވެސް ވަރަށް ފަރިތަ ތަނެކެވެ. މި ދެ ކުޅުންތެރިންނަކީވެސް ރޯލަން ގަރޮސްގައި ކުޅޭ ފްރެންޗް އޯޕަންގެ ޗެމްޕިއަނުންނެވެ. އެގޮތުން، ނަޑާލް އަކީ އެ މުބާރާތް ރެކޯޑް 14 ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަނަކީ އަލްކަރާޒް އެވެ.

މީގެކުރީން، ނަޑާލް ވަނީ 2008 ވަނަ އަހަރު ބެއިޖިންގ އޮލިމްޕިކްސްގައި ސިންގަލްސް ބައިން ރަން މެޑަލް އަދި 2016 ވަނަ އަހަރު ރިއޯ ޑި ޖެނެއިރޯގައި ބޭއްވި ގޭމްސްގައި މާކް ލޯޕެޒްއާއެކު ޑަބަލްސް ރަން މެޑަލް ހޯދާފައެވެ. މި ފަހަރުގެ އޮލިމްޕިކްސް އަކީ އޭނާގެ އެންމެ ފަހު ގޭމްސް އެވެ. މިއީ އަލްކަރާޒް ބައިވެރިވާ ފުރަތަމަ އޮލިމްޕިކްސް އެވެ. އޭނާ މި ފަހަރުގެ ގޭމްސް އަށް ކުރިމަތިލާފައިމިވަނީ، ރަނގަޅު ފޯމެއްގައި ހުރެއެވެ. އަލްކަރާޒް ވަނީ އެންމެ ފަހުން ކުޅެވުނު ވިމްބަލްޑަން ޓެނިސް މުބާރާތުގައި ތަށި ދިފާއުކޮށްފައެވެ.

ނަޑާލް އާއި އަލްކަރާޒް އަށް ދެން އޮތް މެޗުގައި ވާދަކުރަންޖެހެނީ ނެދަލެންޑްސްގެ ޓެލޯން ގްރީކްސްޕޫރ އާއި ވެސްލީ ކޯލްހޮފްގެ ޕެއާއާ ހަންގޭރީގެ މާޓޮން ފުކްސޮވިޗް އާއި ފަބިއަން މަރޮޒާންގެ ޕެއާ ކުޅެގެން މޮޅުވާ ބަޔަކާ އެވެ. މީގެއިތުރުން، ސިންގަލްސް އިވެންޓްގައި ވެސް ނަޑާލް ދެން ކުޅޭނީ ހަންގޭރީގެ ފުކްސޮވިޗްއާ ދެކޮޅަށެވެ. އެއަށްފަހު، ދެވަނަ ބުރުގައި ވާދަވެރި ސާބިއާގެ ނޮވަކް ޖޮކޮވިޗާ ބައްދަލުކުރަންޖެހިދާނެ އެވެ.

ސިންގަލްސް އިވެންޓްގައި އަލްކަރާޒް ވަނީ ލެބަނަންގެ ހަދީ ހަބީބް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކުރި 6-3، 6-1 އިންނެވެ.