ކުޅިވަރު

މުލީކޮޅު ރާޅުގަނޑު މުބާރާތް: މެންސް އޯޕަން ސްމައިލީއަށް، ޖޫނިއަރ ޗެމްޕިއަންކަން އިނާނަށް


ދިވެހި ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް މުލީކޮޅު ރާޅުގަނޑު މުބާރާތުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދިއިރު، ޖޫނިއަރ ޑިވިޝަންގެ ޗެމްޕިއަންކަން މުޙައްމަދު އިނާން އަބްދުލް ހަންނާނު ހޯދައިފިއެވެ.

މ.މުލީގައި ކުރިއަށްދިޔަ މި މުބާރާތުގެ މެންސް އޯޕަން ޗެމްޕިއަންކަން އިސްމާޢީލް ރަޝީދު ހޯދާފައިވަނީ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް 13:00 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެންސް އޯޕެން ފައިނަލް ހީޓުގައި ސްމައިލީ ތިން ރާޅެއް ދުއްވާފައިވެއެވެ. މި ތިން ރާޅުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ސްމައިލީ ދުއްވި ދެވަނަ ރާޅާއި ތިންވަނަ ރާޅުގައެވެ. ސްމައިލީގެ ދެވަނަ ރާޅުން 7.50 ގެ ސްކޯއެއް ހޯދާފައިވާއިރު، ތިންވަނަ ރާޅުން 5.50 ގެ ސްކޯއެއް ވަނީ ހޯދާފައެވެ. މެންސް އޯޕަން ފައިނަލް ހީޓުގައި ކަޔާނަށް ލިބުނީ 11.00 ގެ ސްކޯއެކެވެ.

ޖޫނިއާ ޗެމްޕިއަންކަން އިނާން ހޯދާފައިވަނީ ފައިނަލް ހީޓުގައި ޔާސިން އަހުމަދު ނާޝިދު 10.50 ގެ ސްކޯއަކުން ބަލިކޮށްގެންނެވެ. ޖޫނިއާ ފައިނަލްގައި އިނާން ޖުމްލަ ފަސް ރާޅެއް އަޅާފައިވެއެވެ.

ދިވެހި ސާފް ލީގުގެ ދެވަނަ މުބާރާތް ނިމިފައިވާއިރު، މި ލީގުގައި ކުރިއަށް ދެން އޮތީ ކ.ތުލުސްދޫގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 27-30 ގެ ނިޔަލަށެވެ. އެއަށްފަހު ދެން އޮންނާނީ ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖެވެ. މާލޭ ރާޅުގަނޑު ސަރަހައްދުގައި މި މުބާރާތް ކުރިއަށްދާނީ 27 އޮކްޓޯބަރުން ފެށިގެން 2 ނޮވެމްބަރުގެ ނިޔަލަށެވެ.