33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން އަދި ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އިން ހޯދައިފިއެވެ.
މި މަހުގެ 20 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ޓީމް އިވެންޓްގެ ބައިގައި ތިން ޓީމަކުން ވާދަކޮށްފައިވެއެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޓީމް އިވެންޓްގެ ބައިގައި ފަސް ޓީމަކުން ބައިވެރިވިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މިފަހަރުގެ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން، އެމްސީއޭ އިން ހޯދީ ފައިނަލްގައި 2-1 ސެޓުން ހުޅުމާލޭ ޔޫތު ކްލަބު (އެޗްވައިސީ) ބަލިކޮށްގެންނެވެ.
ފިރިހެނުންގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްސީއޭ އަށް ކުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި، ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހާސިލްކޮށްފައިވާ އިންޑިއާގެ ޕްރަޝާންތު މޯރޭ އާއި ރާއްޖޭގެ ކުރީގެ ގައުމީ ޗެމްޕިއަން، ހުސެއިން އަލީ އަދި ރާއްޖޭގެ ގައުމީ ކެރަމް ޓީމުގެ އިބްރާހިމް ހުޖާން އަލީ ހިމެނެއެވެ. އެ ޓީމުގައި ދެން ހިމެނެނީ؛ ނައުފަލް ޝަރީފް އާއި ސަދޫހު ސާމިއު އެވެ.
މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލްގައި އެމްސީއޭ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، އައިލެންޑާސް ހޯޕް ބަލިކޮށްފައެވެ. މި މެޗުން އެމްސީއޭ މޮޅުވީ 2-1 ސެޓުންނެވެ.
ޗެމްޕިއަންކަން ހޯދީ އެމްސީއޭގެ އަންހެން ޓީމުގައި ހިމެނެނީ؛ އަންހެން ގައުމީ ކެރަމް ޓީމުގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ އިތުރުން، ކުރީގެ ގައުމީ ޗެމްޕިއަން، އާމިނަތު ނިފާޝާ އާއި އައިޝަތު ޒުލްފިޝާން އަދި ފާތިމަތު ސައުޝަން އެވެ.
މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ފުރަތަމަ ޑިވިޝަނުގެ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ.