ޚަބަރު

ދީމާއަށް ހިތްވަރު ދެއްވުމުގައި އިސްނެންގެވީ ރައީސް


  • ދީމާއަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި އެތުލީޓު

ޓޭބަލްޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ހިތްވަރާއި މޮޅު ކުޅުމާމެދު ފަހުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި ދީމާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވީ ޕެރިސް އޮލިމްޕިކްސްގައި އޭނާ ކުޅުނު ފުރަތަމަ މެޗަށްފަހުއެވެ.

ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގެ ޕްރީލިމިނަރީ ބުރުގައި ދީމާ ވާދަކޮށްފައިވަނީ ޕޮލެންޑްގެ އެންމެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ކަޓާޒިނާ ވެގްޒިން އާއެވެ. މި މެޗުން ސީދާ ތިން ސެޓުން ކަޓާޒިނާ ކާމިޔާބުކުރި ނަމަވެސް ދީމާ ވަނީ ވަރަށް ހިތްވަރުކޮށްފައެވެ. އަދި އެކި ދަނޑިވަޅުތަކުގައި ދީމާގެ ހުށިޔާރުކަން ފެނިގެންދިޔައެވެ.

މެޗު ނިމުނުތާ މާގިނައިރުތަކެއް ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދީމާއަށް ހިތްވަރުދެއްވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީމާގެ ހިތްވަރާއި މޮޅު ކުޅުމާމެދު މުޅި ޤައުމު ފަޚުރުވެރިވާކަމަށެވެ.

އުމުރުން 16 އަހަރުގެ ދީމާއަކީ އޮލިމްޕިކްސް ގޭމްސްއަށް ރާއްޖެއިން ކޮލިފައިވި ފުރަތަމަ އެތްލީޓެވެ. އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވީ، ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އޮލިމްޕިކްސްއަށް ކޮލިފައިވުމާއެކު އޮލިމްޕިކްސްއަށް ހާއްސަކޮށް އޭނާގެ ޓްރެއިނިންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ދީމާ ހިމެނޭހެން ދިވެހި ފަސް އެތުލީޓުން ބައިވެރިވެރިވެއެވެ. އަދި މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރާއްޖެއިން އެންމެ ގިނަ އެތުލީޓުން ވާދަކުރާ އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.