ޚަބަރު

ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ ފުރުޞަތު އެބައޮތް: ގާޑިއޯލާ


މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ، 53، ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ގާޑިއޯލާ ވަނީ، ދިން އިންޓަވިއުއެއްގައި ކުރިއަށް އޮތް ސީޒަނަކީ ސިޓީގައި އޭނާ ހޭދަކުރާ ފަހު ސީޒަނަށް ވެދާނެ ފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.

ގާޑިއޯލާ ބުނީ، ސިޓީއާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި މިހާތަނަށްއައިއިރު، އޭނާ ދާނެ ކަމަށް ސީދާ ކަނޑައެޅިގެން ބުނެފައިނުވާނެ ކަމަށާއި، ދާން ބޭނުންވާ ނަމަ އެ ވާހަކަ ބުނާނެ ކަމަށް ވެސް ގާޑިއޯލާ ފާހަގަކުރިއެވެ.

އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ވާނެ ގޮތަށް މިވަގުތަށް ބުނަން ނޭނގޭ ކަމަށާއި، ކުރިއަށް އޮތް ތާނގާ އެކަމާ މެދު އެއްޗެއް ބުނާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އަދި މިވަގުތަށް ބަލާއިރު، ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ގާޑިއޯލާ އިތުރަށް ބުނީ، އޭނާ ސިޓީގައި މަޑުކުރަން ބޭނުންވަނީ އެކަން އެގޮތަށް ކުރަން ބޭނުންވާލެއް ބޮޑުކަމުން ކަމަށެވެ. މިހާތަނަށް އެ ކްލަބުގައި އަށް ވަރަކަށް އަހަރު ހޭދަކޮށްފައިވާއިރު، އިތުރު އަށް އަހަރު މަޑުކުރުމަކީ ދުރުގައިވާ ކަމެއް ނަމަވެސް، ސީދާ ކަނޑައެޅިގެން އޭނާ ދާ ކަމަށް ބުނެފައިނުވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވެ، ގާޑިއޯލާ ވަނީ މިހާތަނަށް ޕްރިމިއާ ލީގާއި، އިނގިރޭސި ލީގު ކަޕް ހަތަރު ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ގާޑިއޯލާ އާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ސިޓީން މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ކާމިޔާބުވާގޮތްނުވެފައެވެ.