ޚަބަރު

ބިމުގެ ޖާގައިގެ ދަތިކަން- ހުރާއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް


ކ.ހުރައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލަކަމަށް ހުރާ ކައުންސިލުން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވީ ބިމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. ކ. ހުރައަކީ ގިނައަދެއްގެ މީހުން ދިރިއުޅެމުން ގެންދާ ރަށެކެވެ. މިރަށުގައި 1064 މީހުން ރަޖިސްޓްރީވެފައި ވީނަމަވެސް ރަށު ކައުންސިލުން ޚިދުމަތް ދޭންޖެހޭ ދެހާސް ހަސަތޭކައެއް ހާމީހުން އެރަށުގައި ދިރިއުޅެމުން ގެންދާކަމަށް ރަށުކައުންސިލުން މަޢުލޫމާތުދެއެވެ. މިރަށުގެ ރައްޔިތުންގެ އިތުރުން އެހެނިހެން ރަށްރަށުގެ ރަށްޔިތުންވެސް މިރަށުގައި ދިރިއުޅެމުން ގެންދެއެވެ.

ކ. ހުރާއަކީ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ރަށެކެވެ. މިރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ޢީސާ އަޙުމަދު ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ބިން ހިއްކުމުގެ މަސައްކަތް ފެށޭކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށެވެ.

މިރަށުގައި ދިރުއުޅޭ ފަރާތްތަކުގެ ތެރެއިން ބިމުގެ ދަތިކަން ހުރި ފަރާތްތަކަށް ބޭނުންވާ ގޯތި ދޫކުރުމަށް ބިން ނެތްކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ގޯއްޗަށް އެދި ކުރިމަތިލުމަށްޓައި އެފުރުޞަތު ހުޅުވާލައިފިނަމަ ދުއިސައްތައެއްހާ މީހުން ގޯއްޗަށް އެދި ހުށަހަޅާނެކަމަށް ކައުންސިލުން ލަފާކުރައްވައެވެ. މިރަށުގައި ގޯތި ދޫކުރުމުގެ ގެންގުޅޭ ސިޔާސަތަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ގޯތި ގެދޮރުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މިރަށުގައިވެސް ފްލެޓް އެޅުމާ ދިމާއަށް މިޝްރާބް ޖަހަންވެއްޖެކަމަށް ކައުންސިލްގެ ރައީސް ދެކެވަޑައިގަންނަވައެވެ.

މިރަށަކީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ރަށެކެވެ. އެގޮތުން ސިނާޢީ މަސައްކަތް ކުރުމަށް 14 ބިމެއް ހުއްދަދެއްވާފައިވާ ކަމަށް ހުރާ ކައުންސިލުން މަޢުލޫމާތުދެއެވެ. ބިން ދޫކުރާއިރު އެންމެ އިސްކަމެއްދެއްވަނީ ރައްޔިތުންނަށް އެކަމުގެ ނަފާވާނެ ގޮތްތައް ބަލައިގެން ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.