ދީން

ކޯޕަރޭޝަންގެ ހަވާލުގައި ހައްޖައްދާ %95 މީހުން ދަނީ އަލަށް


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން ޙައްޖަށްދާން ފުރުޞަތުދެއްވާ 95 އިންސައްތަ މީހުންނަކީ އަލަށް ޙައްޖަށްދާ މީހުންކަމުގައި އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ލިބޭ ޙައްޖުކޯޓާގެ 50 އިންސައްތަ މީހުން ޙައްޖަށްދަނީ ޙައްޖުކޯޕަރޭޝަންގެ ޙަވާލުގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ދިވެހި ސަރުކާރުގެ ސައްތައިން އިންސައްތަ ޙިއްޞާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވީވެސް އަދި މަސައްކަތްކުރަނީވެސް ޙައްޖަށްދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާން 4000 މީހުން ރަޖިސްޓްރީގައި އެބަތިއްބެވެ. ޙައްޖު ކޯޕަރޭޝަނުން ޙައްޖަށްދާން ނަގާ އަގަކީ 69965 ރުފިޔާއެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، ޙައްޖަށްދާން ފައިސާދެއްކޭނެ 2 ޕެކޭޖެއް އެކުންފުނިން ތަޢާރަފްކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގަނޑުކޮށް، ފައިސާ ދައްކައިގެންނާއި، ބައިބަޔަށް ބަހާލައިގެންވެސް ފައިސާ ދެއްކޭނެކަމަށެވެ. ގަނޑުކޮށް ފައިސާދެއްކުމުގެ ގޮތުން 500 ރުފިޔާއިން އެކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް، 75 އިންސައްތަ ފައިސާ ދައްކައިގެން ޙައްޖަށް ދެވޭނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެމީހަކަށް ފަސޭހަވާނެހެން ބައިބަޔަށްވެސް ފައިސާ ދެއްކޭނެކަމަށާއި، އެކޯޕަރޭޝަންގައި ރަޖިސްޓްރީވާ ހިސާބުން ޙައްޖަށް ދެވޭނެކަމަށް ލަފާކުރައްވާ އަހަރެއް އަންގަމުން ގެންދާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރަޖިސްޓްރީވެފައިވާ ކިއޫ ތަރުތީބުން ޙައްޖަށް ގެންދިއުމަށް އިސްކަންދެއްވާ ކަމަށާއި، އެގޮތުން 95 އިންސައްތަ މީހުންނަކީ މުޅިން އަލަށް ޙައްޖަށްދާ މީހުންކަމަށާއި، މިއަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ތައްޔާރީތައްވެސް މިހާރު ފަށައިގެން ކުރިޔަށް ގެންދަވާކަމަށެވެ. މިއަހަރު އެންމެ އިސްކަމެއް ދީފައިވަނީ ކެއުމުގެ ކަންކަން ރަނގަޅުކުރަންކަމަށާއި، އެގޮތުން ދިވެހި ކައްކާއިން މެދުވެރިކޮށް މިއަހަރު ޙައްޖާޖީންނަށް ދިވެހި ކެއުން ދޭނެކަމުގެ ޔަޤީންކަންވެސް ޔާމީން ދެއްވިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ޙަސަން ސިނާން ވިދާޅުވީ، ދުރާލައި ރާވައިގެން ފައިސާ ފަހަށް ރައްކާކޮށްގެން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން އެ ފައިސާއިން ޙަލާލު އިންވެސްޓްމަންޓްތަކެއްކޮށް، އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ އެ ފައިސާ ދިން ފަރާތްތަކުގެ މެދުގައި ބަހާލައިގެން، ޙައްޖަށް ދިއުމަށް ބޭނުންވާ ފައިސާ ކުރުމުއްދަތެއްގައި ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަވަހަށް ޙައްޖަށް ދެވޭނެ ގޮތްތައް ހަމަޖައްސައިދޭނެކަމަށެވެ.

ޙައްޖުގެ އަޅުކަމުގައި ހޭދަވާ ދުވަސްވަރު ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި އަދި ޙައްޖަށް ދިއުމުގެ ކުރިން ޙައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ދޭންޖެހޭ ޓްރެއިނިންގް ޕްރޮގްރާމުތައް ހިންގައި، ޖިސްމާނީ، ނަފްސާނީ އަދި ފިކުރީ ގޮތުން ޙައްޖުގެ އަޅުކަމަށް ތައްޔާރުކޮށްދިނުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދޭނެކަމަށް ޙައްޖި ކޯޕަރޭޝަނުން ބުނެއެވެ.