ވިޔަފާރި

މުދާ އުފުލާ ބޯޓުފަހަރަށް ޚާއްޞަ ގުދަނުގެ މަސައްކަތް ނިމެނީ


އަތޮޅުތަކާއި މާލެއާ ދެމެދު މީހުންނާއި މުދާ އުފުލާ ބޯޓުފަހަރަށް ޚާއްޞަކުރައްވައިގެން، ހައްދަވާ ގުދަންތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ގުދަން ދޫކުރައްވާނެ އުޞޫލް ފައިނަލް ކުރެއްވުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދަވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މުދާ އުފުލާ ބޯޓްފަހަރު މާލޭގެ ފަޅުތެރޭގައި އޮންނަ މުއްދަތު ކުރުކޮށް، މާލޭގެ ފަޅުތެރެ ތަރުތީބުކުރެއްވުމަށް ހައުސިންގ މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަށް ބަދަލުތަކެއް ގެންނަވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފެނިގެންދާ އެއް ދިމާއަކީ، ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަޙައްދެވެ.

މުދާ އުފުލާ ބޯޓުފަހަރަށް ޚާއްޞަ ގުދަންތަކެއް ހެއްދެވުމަށް ކުރިއަށް ގެންދަ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ބައެއް ގުދަންތަކުގެ މަސައްކަތް ނިންމަވާފައެވެ. މި ގުދަންތައް ބޯޓުފަހަރަށް ދޫކުރައްވާނެ ގޮތުގެ އުޞޫލް އަންނަ ހަފްތާތެރޭގައި ފައިނަލްކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ހައުސިންގ މިނިސްޓްރީގެ އެގްޒެކެޓިވް ކޯރޑިނޭޓަރ ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ގުދަންތައް ބޭނުންވާ 18 ބޯޓު ފާހަގަކުރެއްވިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުރިން މާލޭގެ ފަޅުތެރޭގައި އަޅާފައި އޮންނަ ތެޔޮ އުފުލާ ދޯނިތައްވެސް މިހާރު އެޅުމަށް ހަމަޖެހިފައިވަނީ، ވިލިމާލެ ފަޅުގައެވެ. މި ބަދަލަކީ މާލޭގެ ފަޅުގެ ޖާގައިގެ ދަތިކަން ޙައްލުކުރައްވައި، ފަޅު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވުމަށް ސަރުކާރުން ގެންނަވާ ބަދަލުތަކެކެވެ.