ޚަބަރު

އަލް-ހުދަޔިދާއަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގެ ބަދަލު ހިފާނެ: އަލް-ޙޫޘީ


ޔަމަނުގެ އަލް-ޙުދަޔިދާ ބަނދަރަށް ޔަހޫދީ ފައުޖުން ޙަމަލާދީ ތިން މީހުން ޝަހީދު ކޮށްލައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލުމުން, އެ ޙަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ އެ ޤައުމުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން އިންޒާރު ދީފިއެވެ. ޙުދަޔިދާ ބަނދަރުގައި ހުރި ތެޔޮ ރައްކާ ކުރާ ގުދަންތަކާއި އިންޖީނުގެއަށް ދިން ރަޙުމު ކުޑަ ޙަމަލާގައި ޔަހޫދީ ފައުޖުން ވަނީ 90އެއްހާ މީހުން ޒަޚަމު ކޮށްލާފައެވެ.

އެ ޙަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދެއްވަމުން ޙޫޘީ ޖަމާޢަތުގެ ވެރިޔާ ޢަބްދުލްމާލިކް އަލް-ޙޫޘީ ވިދާޅުވީ "ބަދަލު ހިފާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރާތި" މިހެންނެވެ. "[ޔަހޫދީ] އިސްރާއީލުގެ ދުޝްމަން ކުރާ ކޮންމެ އަމަލަކާ އެކު ބަދަލު ހިފުމަށް އިތުރަށް ހިތްވަރެއް ލިބޭ،" އޭނާ ވިދާޅުވިއެވެ.

ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުން ޙުދަޔިދާއަށް ވައިގެ ޙަމަލާތަކެއް ދީފައި ވަނީ, ޙޫޘީ ޖަމާޢަތުން ޔަހޫދީންގެ ވެރިރަށް, ތެލް އަވީވަށް ނުރައްކާތެރި ޑްރޯން ޙަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. ތެލް އަވީވަށް ޙަމަލާ ދޭން ބޭނުން ކޮށްފައި ވަނީ އައު ވައްތަރެއްގެ ޑްރޯނެކެވެ. އެއީ, ޔަހޫދީންގެ ޖާސޫސީ ސެޓެލައިޓްތަކާއި ރާޑަރުތަކަށް ވަންހަނާ ކޮށް ދަތުރު ކުރުމުގެ ގާބިލު ކަން ލިބިފައިވާ ޑްރޯނެއް ކަމުގައި ޙޫޘީން ހާމަ ކޮށްފައިވެއެވެ. ޔަހޫދީ ޢާންމުންގެ އެކަކު މަރުވެ, އިތުރު 10 މީހުން ޒަޚަމުވި ޙަމަލާގެ ޒިންމާ އުފުލާ ކަމުގައި ޙޫޘީން ބުނެފައިވެއެވެ.

ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުގައި ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތި ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން އެ ކަމާ ދެކޮޅަށެވެ. މި ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި, ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙޫޘީން ވަނީ ޙަމަލާތައް އަމާޒު ކޮށްފައެެވެ.


އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންތައް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ މަރުކަޒުތަކަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ހައްދުފަހަނަ އެޅި ޔަހޫދީންނަށް ބާރު އެޅުމެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ޔަމަންގައި ޢާންމުން ދިރިއުޅޭ ރަށްތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. އަދި, ޙޫޘީންނަށް އަމާޒުކޮށް ހިންގަމުންދާ އަސްކަރީ ޙަރަކާތުގައި ބައިވެރި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތައް ޔަމަން ކައިރިއަށް ފޮނުވާފައެވެ.