ކުޅިވަރު

އޮލިމްޕިކްސް: ޑްރޯން ދުއްވި މައްސަލައިގައި ކެނެޑާ ޓީމުގެ ކޯޗު ޕްރީސްޓްމަން ސަސްޕެންޑްކޮށްފި


ޑްރޯން ބޭނުންކޮށްގެން ޖާސޫސްކުރި މައްސަލައިގައި، ކެނެޑާގެ އަންހެން ޓީމުގެ ކޯޗު، ބެވަލީ ޕްރީސްޓްމަން، އެ ގައުމުގެ އޮލިމްޕިކް ކޮމިޓީ (ސީއޯސީ) އިން ސަސްޕެންޑްކޮށްފިއެވެ.

ސީއޯސީ އިން ބުނީ، ޕްރީސްޓްމަން ސަސްޕެންޑްކުރީ މިފަހަރުގެ އޮލިމްޕިކްސް ނިމެންދެން ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، އެ ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު، އެންޑީ ސްޕެންސް ކަމަށް ވެސް ހުކުރު ދުވަހު ސީއޯސީ އިން ނެރުނު ބަޔާނެއްގައިވެއެވެ.

މިފަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ވާދަކުރާ ކެނެޑާގެ އަންހެން ޓީމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުނީ، ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރީން، ކެނެޑާ ޓީމުގެ ދެ އޮފިޝަލަކު ޑްރޯން ބޭނުންކޮށްގެން ނިއުޒިލޭންޑުގެ ފަރިތަކުރުންތައް ޖާސޫސްކުރި ކަމަށް ތުހުމަތުކުރެވިގެން އެމީހުން ގެއަށް ފޮނުވާލުމާ ގުޅިގެންނެވެ.

މިކަމުގައި ޕްރީސްޓްމަންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެ، ބުރާސްފަތި ދުވަހު ނިއު ޒީލެންޑް އަތުން 1-2 އިން ކެނެޑާ މޮޅުވި މެޗުގައި އޭނާ ބައިވެރިއެއްނުވެއެވެ. ނަމަވެސް، މިހާރު ފީފާ އާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މި މައްސަލަ ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ސީއޯސީ އިން ނެރުނު ބަޔާނުގައި، ކެނެޑާ ސޮކަރގެ ސީއީއޯ އަދި ޖެނެރަލް ސެކްރެޓަރީ، ކެވިން ބްލޫ ވަނީ، "ޕެރިސް 2024 އޮލިމްޕިކް ގޭމްސްގެ ކުރިން ވެސް ވާދަވެރިންނާ ދެކޮޅަށް ޑްރޯން ބޭނުންކުރިކަމުގެ އިތުރު މަޢުލޫމާތު ލިބިފައިވާ" ކަމަށް ބުނެފައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، މުބާރާތް ނިމެންދެން އަދި މިހާރު އެ އޯގަނައިޒޭޝަނުން ކުރިއަށްގެންދާ މިނިވަން ބޭރުގެ ރިވިއު ނިމެންދެން ޕްރީސްޓްމަން ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ސީއޯސީ އިން ބުދަ ދުވަހު ބުނެފައިވަނީ، އެސިސްޓެންޓް ކޯޗު، ޖެސްމިން މެންޑާ އާއި އެނަލިސްޓް، ޖޯސެފް ލޮމްބާޑީ "ވަގުތުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ" ކަމަށާއި، ފުރަތަމަ މެޗުގައި އިރުޝާދުދިނުމަށް އަމިއްލައަށް ތަނާޒުލުވުމަށް ޕްރީސްޓްމަން ނިންމި ނިންމުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ޕްރީސްޓްމަން ވަނީ، ބުދަ ދުވަހު އޮތް ކެނެޑާ ޓީމުގެ އެއްގަޑިއިރުގެ ފަރިތަކުރުންތަކަށް ފަހު ކުރު މީޑިއާ ބައްދަލުވުމެއް ބާއްވައިފައެވެ. އޭނާ ބުނީ، މި މައްސަލައިގެ ސަބަބުން މުޅި ގައުމަށް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށާއި، ހިތާމަވެރި، ބޮޑު ހިތްހަމަނުޖެހުމެއް ގެނެވިފައިވާ ކަމުގެ އިހުސާސްކުރެވި އެކަމުގެ ޒިންމާ އޭނާ ނެގީ އެހެންވެގެން ކަމަށެވެ.

ޕްރީސްޓްމަން ވަނީ، 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕާ ހަމައަށް ކެނެޑާގެ ކޯޗުކަން ކުރުމަށް ޖެނުއަރީ މަހުގެ ފަހުކޮޅު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕްރީސްޓްމަން އެ މަގާމާ ހަވާލުވީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އޭރުގެ ކޯޗު ކެނެތު ހެއިނަރ-މޯލަރގެ ބަދަލުގައެވެ. އޭނާ މިހާތަނަށް މަސައްކަތް ކުރަމުން އައިސްފައިވަނީ އެއްބަސްވުން އައުކުރަމުން ގެންދާ ގޮތަށެވެ.

ޕްރީސްޓްމަންގެ އިރުޝާދުގެ ދަށުން، ކެނެޑާ އިން ވަނީ 2021 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދާފައެވެ. އެކަމަކު، ފާއިތުވި އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފައެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް 28 މެޗު ކާމިޔާބުކޮށް، 9 މެޗުން ބަލިވެފައިވާއިރު، 10 މެޗުން ވަނީ އެއްވަރުވެފައެވެ.