ޚަބަރު

އޮލިމްޕިކްސް: ޖަރުމަނާއި އެމެރިކާ އަށް ފަސޭހަ މޮޅެއް، ސްޕެއިނާއި ފްރާންސުން މޮޅުވީ އުނދަގުލުން


މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓްގައި އިއްޔެ ކުޅުނު މެޗުތަކުން ޖަރުމަނާއި، އެމެރިކާ ފަސޭހަކަމާއެކު މޮޅުވިއިރު، ސްޕެއިނާއި ފްރާންސް އަދި ބްރެޒިލުން އުނދަގުލުން މޮޅުވެއްޖެއެވެ.

ޖަރުމަނުން ވަނީ 3-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. ޒެމްބިއާ އަތުން އެމެރިކާ މޮޅުވީ ވެސް ހަމަ 3-0 އިންނެވެ. އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ވަނީ 2-1 އިން ޖަޕާން ބަލިކޮށްފައެވެ. ކޮލަމްބިއާ އަތުން ފްރާންސް މޮޅުވީ 2-3 އިންނެވެ. ބްރެޒިލުން ވަނީ 1-0 އިން ނައިޖީރިއާ ބަލިކޮށްފައެވެ.

އޮލިމްޕިކްސްގައި ފަސްވަނަ ރަން މެޑެއްޔަށް އަމާޒުހިފާފައިވާ އެމެރިކާ އަންހެން ފުޓްބޯޅަ ޓީމުގެ ހުރިހާ ލަނޑެއްވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ނީސްގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެމެރިކާގެ ލަނޑުތައް ޖަހައިދިނީ މެލަރީ ސްވޭންސަން ދެ ގޯލާއި، ޓްރިނިޓީ ރޮޑްމަން ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޒެމްބިއާގެ ޕައުލީން ޒޫލޫ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގައި މުޅިން އަލަށް ވާދަކުރާ، ސްޕެއިނުން ވަނީ އެންމެ ފަހުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަޕާން އަތުން ބަލިވުމުން އޭގެ އަށް ރަނގަޅު ބަދަލެއްހިފައިފައެވެ. މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި ޖަޕާނުން ލީޑްނެގީ އައޯބާ ފުޖީނޯ ހިތްގައިމު ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ.

ސްޕެއިނުން އެއްވަރުކުރި ލަނޑު، އޭގެ ނުވަ މިނެޓުފަހުން ކާމިޔާބުކޮށްދިނީ އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި އައިޓާނާ ބޮންމާޓީ އެވެ. އަދި އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑުޖަހައިދިނީ މަރިއޯނާ ކަލްޑެންޓޭ އެވެ. އޭނާ މި ލަނޑުޖެހީ ބޮންމާޓީ ދިން ބޯޅައަކުންނެވެ.

ހޯސްޓުން ކަމަށްވާ، ފްރާންސުން ފުރަތަމަ ހާފުގައި ވަނީ 3-0 ގެ ލީޑެއްނަގައިފައެވެ. އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖަހައިދިނީ މާރީ-އެންޓޮއިނެޓް ކަޓޯޓޯ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ކެންޒާ ޑާލީ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ކޮލަމްބިއާގެ ލަނޑުތައް ޖަހައިދިނީ ކެޓަލީނާ އުސްމޭ އާއި މެނުއެލާ ޕާވީ އެވެ. މެޗު ނިމެން ފަސްމިނެޓަށްވެފައިވަނިކޮށް، އެ ޓީމަށް މައްސަލަތައް ކުރިމަތިވީ މޭރާ ރަމީރޭޒް އަށް ރަތް ކާޑު ދެއްކުމުންނެވެ.

މާސޭގައި އޮސްޓްރޭލިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު، 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަރީނާ ހެގަރިންގް އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޖަރުމަނުގެ ދެވަނަ ލަނޑު، ލިއާ ޝުއެލާ ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓުފަހުން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ޖޫލް ބްރޭންޑް އެވެ.

އަންހެނުންގެ ފުޓްބޯޅައިގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ނައިޖީރިއާ އަތުން ބްރެޒިލް މޮޅުކޮށްދިން ލަނޑުޖަހައިދިނީ ގަބީ ނޫނޭސް އެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ނޫނޭސް މި ލަނޑުޖެހީ މާރްތާ ދިން ޕާހަކުންނެވެ. ބްރެޒިލްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިފައިވާ މާރްތާގެ މިއީ ހަވަނަ އޮލިމްޕިކްސް އެވެ.