ޚަބަރު

މާސޭގެ ސާރ ގަތުމަށް ޕެލަސް އިން އެއްބަސްވުމަކަށް


ފްރާންސްގެ އޮލިމްޕިކް މާސޭ އަށް ކުޅެމުންއައި ސެނެގޯލްގެ ހަލުވި ވިންގް، އިސްމާއިލާ ސާރގެ ސޮއި ހޯދުމަށް ކްރިސްޓަލް ޕެލަސް އިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ސާރ، 26، ޕެލަސް އާ ގުޅޭނީ ގާތްގަނޑަކަށް 15 މިލިއަން ޔޫރޯ (16.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ. އަދި ސާރ އެ ޓީމާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.

ކުރީން، ޕްރިމިއާ ލީގުގައި ވަޓްފޯޑުން ވިދާލި ސާރ ގެ ޑީލުގައި ޕެލަސް އާއެކު މާކުރިން އެއްބަސްވުމަކަށް އައިސްފައިވާއިރު ބާކީ އޮތީ މެޑިކަލް ފުރިހަމަކުރުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އޭރު ވަޓްފޯޑަށް ކުޅުނު ދުވަސްވަރު ވެސް ޕެލަސް އިން ވަނީ ސާރ ގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައެވެ.

ފޯވާޑްލައިންގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލްކަން ހުރި ސާރ ކެރިއަރު ފެށީ ސެނެގޯލްގެ ޖެނެރޭޝަން ފޫޓް އެކަޑެމީ އިންނެވެ. އެއަށްފަހު ފްރާންސްގެ މެޓްޒް އަށް ކުޅުމަށްފަހު، ރެނޭސްގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

ސާރ ވަނީ 2023 ވަނަ އަހަރުން ފެށިގެން މާސޭ އަށް ކުޅެދިން 35 މެޗުގައި ފަސް ލަނޑުޖަހައި، އިތުރު ހަ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އަދި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 64 މެޗުގައި 13 ލަނޑުޖަހައި، އިތުރު ހަ ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މީގެއިތުރުން، ސެނެގޯލުން 2022 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

ސާރ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕެލަސް އިން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ ޗާޑީ ރިއާޑް އާއި ޖަޕާނުގެ މިޑްފީލްޑަރު، ޑައިޗީ ކަމާޑާގެ ސޮއި ހޯދާފައެވެ.