ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ފަސްކޮށްފި


  • ހިނގާލުން ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ މިއަދު ހަވީރު

  • މޫސުން ތަން ނުދިނުމުން ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް މިއަދު ނުބާއްވާ

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުގެ "ޝަރަފުގެ ހިނގާލުން" މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާކަމަށެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް މިއަދު ނުބާއްވައެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ސޯޝަލް ސެންޓަރުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤައުމާ މުޚާޠަބުކުރައްވާނެކަމަށް ރައީސް އޮފީޙުން ވިދާޅުވެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.

މިއަހަރު މި އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.