ކުޅިވަރު

އިންޑިއާގެ ތަރިން ރިޓަޔާކުރުމުގެ ފައިދާ ލަންކާ އިން ނަގަންޖެހޭ: ޖަޔަސޫރިޔާ


ދާދިފަހުން ރިޓަޔާކުރި އިންޑިއާގެ ޓުވެންޓީ20 ކުޅުންތެރިން ނެތުމުގެ ފައިދާ ކުރިއަށް އޮތް ސީރީޒްގައި ސްރީ ލަންކާ އިން ނަގަންޖެހޭނެ ކަމަށް އެ ޓީމުގެ އިންޓެރިމް ކޯޗު، ސަނަތު ޖަޔަސޫރިޔާ ބުނެފިއެވެ.

ޖަޔަސޫރިޔާ، ލަންކާގެ އިންޓެރިމް ކޯޗުގެ މަގާމާ ހަވާލުވީ، އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕްގެ ގްރޫޕްސްޓޭޖުން ކެޓުމާ ގުޅިގެން އެ ޓީމުގެ ކޯޗުކަމުން ކްރިސް ސިލްވާވުޑް ވަކިކުރުމުންނެވެ.

ކުރިއަށް އޮތް ޓީ20 ސީރީޒްގައި ލަންކާ އިން އިންޑިއާ އާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕަށްފަހު އިންޑިއާގެ ކްރިކެޓްގެ މުހިއްމު ކުޅުންތެރިން ކަމަށްވާ، ވިރާތު ކޯލީ އާއި ރޯހިތު ޝަރްމާ އަދި ރަވިންދްރަ ޖަދޭޖާ ވަނީ ކުޅުން ހުއްޓާލައިފައެވެ.

ޖަޔަސޫރިޔާ ބުނީ، ރޯހިތު ޝަރްމާ އާއި ވިރާތު ކޯލީ އަކީ ދުނިޔޭގެ ކްރިކެޓްގައި ވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށެވެ. މިދިޔަ އަހަރުތަކުގައި އެ ދެ ކުޅުންތެރިންގެ އިތުރުން ރަވިންދްރަ ޖަދޭޖާ ދައްކާފައިވާ ކުޅުމަށް ބަލާލުމުން ވެސް އެމީހުންގެ ފެންވަރު ސާބިތުވެފައިވާ ކަމަށް ވެސް ޖަޔަސޫރިޔާ ފާހަގަކުރިއެވެ.

އެހެންކަމުން، އެ ތިން ކުޅުންތެރިން ނެތުމަކީ އިންޑިއާ އަށް ކުރިމަތިވީ ބޮޑު ގެއްލުމެއް ކަމަށާއި، އޭގެ ފައިދާ އެންމެ ފުރިހަމަ އަށް ނެގުމަށް ލަންކާ އިން ވިސްނަންޖެހޭނެ ކަމަށް ވެސް ޖަޔަސޫރިޔާ ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ޓީ20 ސީރީޒްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ލަންކާ އިން ނެގި ސްކޮޑަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕްގައި އެ ޓީމުގެ ކެޕްޓަންކަންކުރި ވަނިންދު ހަސަރަންގާގެ ބަދަލުގައި އިންޑިއާ އާ ދެކޮޅަށް ކެޕްޓަނެއްގެ ގޮތުގައި އައްޔަންކޮށްފައިވަނީ ޗަރިތު އަސަލަންކާ އެވެ. މީގެއިތުރުން، އެންމެ ފަހުގެ ޓީ20 ވޯލްޑް ކަޕަށް ނެގި ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިން ކަމަށްވާ، ކުސާލް ޕެރޭރާ އާއި އަވިޝްކަ ފެނާންޑޯ އަދި ޗަމިންދު ވިކްރަމަސިންހޭ ވެސް މިފަހަރުގެ ޓީމުން ވަނީ ފުރުޞަތުދީފައެވެ.

މި ދެ ޓީމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ޓީ20 ސީރީޒްގެ މެޗުތައް އޮތީ އަންނަ ހޮނިހިރު ދުވަހާއި، އާދީއްތަ އަދި އަންގާރަ ދުވަހު އެވެ. މި ތިން މެޗު ވެސް ކުޅޭނީ ޕަލޭކެލެގައެވެ.