ޚަބަރު

ޕެރިސް އޮލިމްޕިކްސް: އިޒްރޭލުގެ ފުރަތަމަ މެޗުގެ ސެކިއުރިޓީއަށް 1000 ފުލުހުން


  • []

ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި އިޒްރޭލުން މާލީއާ ބައްދަލުކުރި މެޗުގެ ހުރިހާ ކަމެއް ހަމަޖެހުމެއް ކުރިމަތިނުވެ، ނިންމާލުމާއެކު ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިން ކުރިމަތިލީ ފުރަތަމަ ބޮޑު ސެކިއުރިޓީ ޓެސްޓުން ފާސްވުމާއެކު ލުޔެއް ލިބިފައިވާ ކަމަށް ބުނެފިއެވެ.

ފްރާންސުން ވަނީ ރޭގެ މެޗަށް ނިކުތުމުގެ ކުރީން، އިޒްރޭލްގެ އިންޓާނަލް ސެކިއުރިޓީ ސާވިސް، ޝިންބެޓް އަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ހާހެއްހާ ފުލުހުން އެ މެޗުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމެއް ހަމަޖައްސާފައެވެ.

އެގޮތުން، އޮލިމްޕިކްސްގައި ވާދަކުރާ އިޒްރޭލްގެ އެތައް ހާސް ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށާއި، އެމީހުން ދަނޑަށް ހާޒިރުވާ މަގުމަތީގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކުރުމުގެ ގޮތުން ޕެރިހުގެ ހުޅަނގުގައި އޮތް ޕާކް ޑެސް ޕްރިންސެސް އިން ސްޓޭޑިއަމާ ދެތިން ކިލޯމީޓަރު ދެމެދު ޕެރިމީޓަރެއް ގާއިމްކޮށް، ފްރާންސްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

މި ފަހަރުގެ ޕެރިސް އޮލިމްޕިކްސް ކުރިއަށްދަނީ، އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ހަމަލާދީ، ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ ދުވަސްވަރެއްގައި ކަމުން އިޒްރޭލުން ގޭމްސްގައި ބައިވެރިވެ، އެ ޓީމާ ގުޅުންހުރި ފަރާތްތަކަށް ސަލާމަތީގޮތުން އެންމެ ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ މަސައްކަތަކީ ފްރާންސްގެ ސަރުކާރުގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން، އިޒްރޭލާ ދެކޮޅަށް ކުޅޭ ޓީމުތަކަށް ވެސް އިވެންޓްތަކަށް ދާއިރުގައި އާއި އެނބުރި އަންނައިރު ސަލާމަތީގޮތުން ރައްކާތެރިކަން 24 ގަޑިއިރު ފޯރުކޮށްދިނުމުގެ މަސައްކަތް ފްރާންސްގެ ފުލުހުން އަންނަނީ ކުރަމުންނެވެ.

އޭގެތެރޭގައި، ރޭ މާލީއާ 1-1 އިން އިޒްރޭލް އެއްވަރުވި މެޗު ބެލުމަށް ފްރާންސްގެ އިންޓީރިއާ މިނިސްޓާރ، ޖެރަލްޑް ޑާމަނިން އާއި އިޒްރޭލްގެ ރައީސް، އިސާކް ހާޒޮގް ވަޑައިގެންނެވިއިރު މާބޮޑު ހަމަނުޖެހުމެއް ހިނގާފައިނުވާއިރު، ދެ ގައުމުގެ ސަޕޯޓަރުންވެސް ޖުމްލަ ގޮތެއްގައި އެބައެއްގެ ދިދަ ވިހުރުވާލައިފައިވެއެވެ.

އެހެންނަމަވެސް، ރޭގެ މެޗު ފެށުމުގެ ކުރީން ދެ ގައުމުގެ ގައުމީ ސަލާން ކިޔަން ތައްޔާރުވީ ވަގުތުގައި، އިޒްރޭލްގެ ގައުމީ ސަލާން ކީ ވަގުތު ކޮންމެވެސް ވަރަކަށް ދަނޑުގައި އަޑުގަދަކޮށްފައިވެއެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ފަލަސްތީނުގެ ދިދަ ވިހުރުވާލައިފައެވެ.

އަދި މެޗު ފެށީ ވަގުތުކޮޅުގެ ތެރޭގައި ވެސް ދަނޑުކައިރީގައި ބަޔަކު މީހުން ފަލަސްތީނާ ތާއީދުކުރުމުގެ ގޮތުން، ހުދު ޓީ-ޝާޓެއްގައި "ފްރީ ފަލަސްތީން" ޖަހައިގެން ތިއްބެވެ. އެކަމަކު، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ސެކިއުރިޓީ ބަލަހައްޓާ މީހުން ވަނީ އެކަންތައް ހުއްޓުވައިފައެވެ.