ޚަބަރު

އައިސީސީގެ ތާރީހީ ކްރިކެޓް ޕްރޮގްރާމުތަކެއް މާލޭގައި ފަށައިފި


އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ފުރަތަމަ ފަހަރަށް ބާއްވާ މަތީ ފެންވަރުގެ ހައި ޕާފޯމަންސް ސެމިނާަކާއި ލެވެލް ދޭއްގެ ޓިއުޓާ ކޯހެއް މާލޭގައި ފަށައިފިއެވެ.

މިއީ މި ލެވަލްގެ ކޯހެއް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އާ ގުޅިގެން، އޭޝިއާގެ ކްރިކެޓް ކޯޗުންނަށް ހިނގޭ މި ކޯހުގައި 14 ގައުމަކުން 20 އަށް ވުރެ ގިނަ ކޯޗުން ބައިވެރިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި މަހުގެ 24 ން 30 އަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވާ މެމްބަރުންގެ ތެރޭގައި އައިސީސީގެ ފުލް މެމްބަރު ގައުމުތަކުގެ ކޯޗުން ހިމެނެއެވެ. ކޯހުގެ ފަހު ދެ ދުވަސް ހާއްސަކުރެވިފައިވަނީ ހައި ޕާފޯމަންސް ސެމިނާއެވެ. މި ކޯހުގެ ސެޝަންތައް ކުރިއަށްދަނީ ހެންވޭރު ބޯޅަގޭގައި ހުންނަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ސެމިނާ ރޫމްގައެވެ.

މި ކޯހުގެ ސެޝަންތައް ނަގައިދެނީ އައިސީސީ އޭޝިއާ ރީޖަންގެ ޑިވެލޮޕްމަންޓް ޓީމުގައި ހިމެނޭ މާސްޓަ އެޑިއުކޭޓަރުން ކަމަށްވާ ބަންގްލަދޭޝްގެ އަމީނުލް އިސްލާމް އާއި، ޕާކިސްތާންގެ އިޤްބާލް ސިކަންދަރާއި ޕާކިސްތާނުގެ ކޯޗު ޓްރެއިނަރު ޝާހިދު އަސްލަމެވެ.