ޚަބަރު

އޮލިމްޕިކްސް އަށް ފަހު މަރީ ކުޅުން ހުއްޓާލަނީ


ޕެރިހުގައި މި މަހު ފަށާ އޮލިމްޕިކްސް އަށް ފަހު ޓެނިސް އިން ރިޓަޔާކުރަން ނިންމާފައިވާކަން އިނގިރޭސި ޓެނިސް ތަރި، އެންޑީ މަރީ އިއުލާނުކޮށްފި އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ މަރީ، 37، ފަސްވަނަ ގޭމްސް އެވެ. މި އަހަރުގެ ގޭމްސްގައި މަރީ ވަނީ ސިންގަލްސް އާއި ޑަބަލްސް ކުޅެން ނިންމާފައެވެ.

މަރީ ބުނީ، ޕެރިހުގައި މި މަހު ފަށާ އޮލިމްޕިކްސްގައި ޓެނިހުގެ އިވެންޓްގައި ވާދަކުރުމަށްފަހު ކެރިއަރު ނިންމާލަން ބޭނުންވާކަމަށެވެ. އަދި ގައުމާއެކު
އޮލިމްޕިކްސްގައި ވާދަކުރުމަކީ ފަހުރެއް ކަމަށް ވެސް މަރީ ބުނެފައިވެއެވެ.

މަރީ، އެންމެ ފުރަތަމަ އޮލިމްޕިކްސްގައި ވާދަކުރީ 2008 ވަނަ އަހަރު ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ އިވެންޓްގައެވެ. އެ ފަހަރު ފުރަތަމަ ބުރުން، ޗައިނާގެ
ލޫ ޔެން ސުން އަތުން ބަލިވެ، ކެޓީ އެވެ.

އޭގެ ހަތަރު އަހަރު ފަހުން، ލަންޑަން އޮލިމްޕިކްސްގައި މަރީ ވަނީ ސިންގަލްސް އިން ރަން މެޑަލް ހޯދާފަ އެވެ. އެއީ ފައިނަލުގައި، ރޮޖާ ފެޑެރާ ބަލިކުރުމަށް ފަހު
އެވެ.

އަދި އޭގެ ފަހުން، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި، ފައިނަލުގައި ހުއާން މާޓިން ޑެލް ޕޮޓްރޯ ބަލިކޮށް، މަރީ ވަނީ އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށް، ޓެނިހުގެ ތާރީހުގައި އެ ކާމިޔާބު ހާސިލްކުރި ހަމައެކަނި ފިރިހެން ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

ދުނިޔޭގެ ޓެނިހުގެ އެންމެ ބޮޑު މުބާރާތްތައް ކަމަށްވާ، ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކުރި މަރީ، 2019 ވަނަ އަހަރު އުނަގަނޑުގެ އޮޕަރޭޝަނެއް ކުރި
ފަހުން، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިލާންޖެހިފައެވެ. އޭގެފަހުން، ގިނަ މުބާރާތްތަކަކުން މަރީ އަށް ވަކިވާން ޖެހުނެވެ. މީގެއިތުރުން، އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި އަނިޔާގެ ސަބަބުން، މަރީ ފުރަތަމަ ނިންމީ ޑަބަލްސް އެކަނި ކުޅޭށެވެ. ފަހުން، މުބާރާތުގެ ޑްރޯ ވެސް ނެގި ފަހުން، ޑަބަލްސް އިވެންޓުން ވެސް މަރީ ވަނީ ނަން ނަގައި، ވަކިވެފައެވެ.

އޮލިމްޕިކްސްގައި މަރީ ހާސިލްކަޮށްފައިވާ އެހެން ކާމިޔާބީތަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ އޮލިމްޕިކްސްގެ މިކްސް ޑަބަލްސް އިވެންޓުން ވަނީ ރިހި މެޑަލް ހޯދާފައެވެ.