ޚަބަރު

ޚިޔާލު ހޯދުމުގެ ވޯޓުން ކުރީގައި އުޅުއްވަނީ ހެރިސް


ނޮވެންބަރުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުމެދާނެ ގޮތެއް ލަފާ ކުރުމަށް ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާނެ ކަމަށް ބެލެވޭ ނައިބު ރައީސް ކަމަލާ ހެރިސް ކުރި ހޯއްދަވަމުން ގެންދަވާ މަންޒަރު ފެނިއްޖެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވަން 59 އަހަރުގެ ހެރިސް މަސައްކަތް ފައްޓަވާފައި ވަނީ, ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ކެމްޕޭން ކުރައްވަމުން ގެންދެވި ރައީސް ޖޯ ބައިޑަން ރިޔާސީ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވައި, ހެރިސަށް ތާޢީދު ކުރައްވަން ނިންމެވުމުންނެވެ.

81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުގެ ދަންމަރު ހެރިސާ ހަވާލު ކުރެއްވި ފަހުން ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ހާމަވީ އިންތިޚާބުގައި ވާދަ ކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާޢީދު ކުރާ މީހުންނަށް ވުރެ ހެރިސަށް ތާޢީދު ކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމެވެ. ނަމަވެސް, ދެ ބޭފުޅުންގެ ނަތީޖާ އުޅެނީ ވަރަށް ގާތްގާތުގައެވެ.

ވޯޓުގައި ބައިވެރިވި 44 އިންސައްތަ މީހުން ހެރިސަށް ތާޢީދު ކުރާ ކަން ހާމަކޮށްފައިވާއިރު, 42 އިންސައްތަ މީހުން ބުނެފައި ވަނީ ޓްރަމްޕަށް ވޯޓު ދޭނެ ކަމުގައެވެ. މީގެ ކުރިން ނަގާފައިވާ މި ފަދަ ވޯޓުތަކުގެ ނަތީޖާއިން ފެނުނީ, ޓްރަމްޕަށް 44 އިންސައްތަ މީހުން ތާޢީދު ކޮށްފައިވާ މަންޒަރެވެ. އަދި, ބައިޑަނަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ އޭގެ ތެރެއިން 42 އިންސައްތަ މީހުންނެވެ. ކުރީގެ ވޯޓުތަކުން ހެރިސާއި ޓްރަމްޕަށް ވެސް ލިބިފައި ވަނީ 44 މީހުންގެ ތާޢީދެވެ.

ހެރިސްގެ ކެމްޕޭނުން ބުނީ, އޭނާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ކަމުގައެވެ. އެ ޕާޓީގެ ގިނަ އިސް މެންބަރުންތަކެއް ވަނީ ހެރިސަށް ތާޢީދު ކުރާ ކަން ހާމަ ކޮށްފައެވެ. ޓްރަމްޕްގެ ކެމްޕޭނުން ބުނީ, ހެރިސަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމަށް ފެނުނު ނަމަވެސް އެ ކަމާ މެދު ކަންބޮޑުނުވާ ކަމުގައެވެ. އަދި, ހެރިސަށް އޮތް ތާޢީދު އިތުރުވެފައިވާ ކަމަށް ފެންނަނީ އޭނާއަށް މީޑިޔާއިން ދެމުންދާ ކަވަރޭޖު ބޮޑުވުމުން ކަމުގައި ވެސް ޓްރަމްޕްގެ ކެމްޕޭނުން ބުންޏެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ކޮންމެ ޕާޓީއެއްގެ ކެނޑިޑޭޓަށް ރަސްމީކޮށް ޓިކެޓު އެރުވުމުން އެ ކެނޑިޑޭޓަކަށް އޮތް ތާޢީދު އިތުރުވާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ޢާންމުކޮށް ފެނިގެންދާ ކަމުގައެވެ. ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭސީ ޓްރަމްޕް ރަސްމީކޮށް ގަބޫލު ކުރައްވާފައި ވަނީ ހުސްވި ހަފުތާގައި ބޭއްވި ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ)ގައެވެ. ނަމަވެސް, އެ ކަމާ ގުޅިގެން ޓްރަމްޕަށް ތާޢީދު ކުރާ މީހުންގެ ޢަދަދު އިތުރުވެފައިވާ މަންޒަރު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެނިގެން ގޮސްފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ރޮއިޓަރސް އަދި އިޕްސޮސުން ނަގާފައިވާ ވޯޓުގެ ނަތީޖާއަަށް ބަލައިލާއިރު, ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 56 އިންސައްތަ މީހުން ގަބޫލު ކުރާ ގޮތުގައި ހެރިސަކީ ބައިޑަނާ އަޅައިބަލާއިރު ވިސްނުން ތޫނު, އަދި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލު ކަން އިތުރު ކެނޑިޑޭޓެކެވެ. 78 އަހަރުގެ ޓްރަމްޕުގެ ކިބައިގައި އެ ސިފަތައް ހުރި ކަމަށް ގަބޫލު ކުރަނީ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 49 އިންސައްތަ މީހުންނެވެ. ބައިޑަނާ މެދު އެ މޭރުމަކުން ދެކޭ މީހުންގެ އިންސައްތައަކީ 22އެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި ޑިމޮކްރެޓިކް ޕާޓީގެ 81 އިންސައްތަ މީހުން ވަނީ ބައިޑަނަށް ތާޢީދު ކުރާ ކަން ހާމަކޮށްފައެވެ. ނަމަވެސް, އޭގެ ތެރެއިން 91 އިންސައްތަ މީހުން ބުނީ, ބައިޑަންގެ ބަދަލުގައި ހެރިސަށް އޮތް ތާޢީދު ބޮޑު ކަމުގައެވެ. އޭގެ ތެރެއިން ހަތަރު ބައިކުޅަ ތިންބައި މީހުުން ގަބޫލު ކުރާ ގޮތުގައި, ޕާޓީގެ ހުރިހާ މެންބަރުން ވެސް އެކަތިގަނޑަކަށްވެ, ހެރިސްގެ ފަހަތަށް އަރަން ޖެހެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަކު ކަށަވަރު ކުރުމަށް ޕްރައިމަރީއެއް ބޭއްވުމަށް ތާޢީދު ކޮށްފައި ވަނީ ހަތަރު ބައިކުޅަ އެއްބައި މީހުންނެވެ.

ނޮވެންބަރު 5ގައި ބާއްވާ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ރޮބަރޓް އެފް ކެނެޑީ ޖޫނިއަރ ވާދަ ކުރައްވައިފި ނަމަ, ހެރިސަށް ތާޢީދު ކުރާނެ ކަމަށް ބުނާ މީހުންގެ ޢަދަދު 42 އިންސައްތައަށް ވެއްޓުނު ނަމަވެސް, ޓްރަމްޕަށް ތާޢީދު ކުރާނެ ކަމަށް ބުނާ މީހުންގެ ޢަދަދު 38 އިންސައްތައަށް ދަށްވެއެވެ. އެއިރުން ވެސް ހެރިސަށް ތާޢީދު ކުރާ މީހުންގެ ޢަދަދު އިތުރެއެވެ. ކެނެޑީއަށް ވޯޓު ދޭނެ ކަމަށް ބުނަނީ އެންމެ 8 އިންސައްތަ މީހުންނެވެ.

ރިޔާސީ ރޭހުގެ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ފަހު ހެރިސް މިހާރު ގެންދަވަނީ ވިސްކޮންސިން ސްޓޭޓްގައި ކެމްޕޭން ކުރައްވަމުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންގެ ތެރެއިން ގިނަ ބަޔެއްގެ ތާޢީދު ހެރިސް ކަށަވަރު ކުރައްވާފައިވާއިރު, މިހާރު އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ އޭނާގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅާނެ ބޭފުޅަކާ މެދުއެވެ. އެ މަޤާމުން ފެނިގެން ގޮސްދާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ ތެރޭގައި ދަތުރުފަތުރާ ބެހޭ ވަޒީރު ޕީޓް ބޫޓީޖީޖް, ކެލިފޯނިޔާ ސްޓޭޓްގެ ގަވަރުނަރު ގެވިން ނިއުސަމް, އެރިޒޯނާ ސްޓޭޓްގެ ސެނެޓަރު މާކް ކެލީ, އަދި ކެންޓަކީގެ ގަވަރުނަރު އެންޑީ ބަޝިޔަރ ހިމެނެއެވެ.