ވިޔަފާރި

މިއަހަރުވެސް ހިއްސާ ނުބެހުމަށް އެމްޓީޑީސީން ނިންމައިފި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ފާއިތުވި އަހަރުގެ މާލީ ފައިދާ ހިއްސާދާރުންނަށް ނުބެހުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން ފާއިތުވި ތިންއަހަރުވެސް ހިއްސާގެ ފައިދާ ބަހާފައެއް ނުވެއެވެ. ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ޗެއާޕާސަން އިބްތިޝާމާ އާދަމް ވިދާޅުވީ ހިއްސާގެ ފައިދާ ނުބެހުމަށް ބޯޑުން ނިންމާފައި ވަނީ 2015 ވަނައަހަރު ކުންފުނަޏަށް ފައިދާވިކަމަށް މާލީ ހިސާބުތަށް ދެއްކި ނަމަވެސް ކުންފުނީގެ މުސްތަޤް ބަލަށް ޓަކައިކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުގެ މި ނިންމުމަށް ވޯޓުގައި ބައިވެރިވި 159 ހިއްސާދާރުން ވަނީ ތާޢީދުކޮށްފައެވެ. އަދި އެ ނިންމުނާއި ދެކޮޅަށް 105 ހިއްސާދާރަކު ވޯޓުދީފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތަށް އުފައްދާފައިވާ އެމްޓީޑީސީއަށް މިދިޔައަހަރު ފައިދާގެގޮތުގައި ލިބިފައިވަނީ 93.7 މިލިއަން ރުފިޔާއެވެ. އެއީ 2014 ވަނައަހަރު އެކުންފުންޏަށް ލިބިނު ފައިދާއަށް ވުރެ 6 ގުނަ އިތުރު އަދަދެކެވެ.

އެ ކުންފުންޏަކީ އާއްމު ހިއްސާދާރުންގެ 53 އިންސައްތަ އަދި ސަރުކާރުގެ 47 އިންސައްތަ ހިއްސާއޮންނަ ކުންފުންޏެކެވެ.