ޚަބަރު

ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުން އަނެއްކާވެސް ޚާން ޔޫނިސަށް އަރައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާން ހިންގަމުންދާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު އެ ސަހަރުގެ ދެކުނުގައި އޮންނަ ޚާން ޔޫނިސަށް އަނެއްކާވެސް އަރައިގަނެފިއެވެ. ޚާން ޔޫނިސަށް އަރައި, ޢާންމުން ދިރިއުޅޭ ގެދޮރާއި އެތަކެއް ހާސް ރެފިއުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދޭން ފެށުމުން, އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ދަތުރު ފަށާފައެވެ.

ޔަހޫދީ ފައުޖުން އަރައިގަނެފައި ވަނީ ޚާން ޔޫނިސްގެ ބަނީ ސުހަޔިލާއާއި, އެ ސަރަޙައްދުގައި އޮތް އެހެން ޑިސްޓްރިކްޓުތަކަށެެވެ. އެ ރަށަށް އަރައިގަތުމުގެ ކުރިން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ, އެ ރަށް ހުސް ކުރުމަށް ޢާންމުންނާއި ރެފިއުޖީންނަށް އަންގާފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ޖުލައި 22 އަދި 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ޚާން ޔޫނިސަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 90އެއްހާ މީހުން ޝަހީދު ކޮށްލައި, 250އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ބަނީ ސުހަޔިލާގައި ދިރިއުޅޭ ރެފިއުޖީން ބުނީ, ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ. ސަބަބަކީ, ޚާން ޔޫނިސާއި ޣައްޒާގެ މެދުތެރޭގައި އޮންނަ ރަށްތައް ތޮއްޖެހިފައިވުމެވެ. "އަޅުގަނޑުމެންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ވެސް, ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ވެސް ނެތް. ސާފު ބޯފެނެެއް ނުލިބޭ. ފެން ހޯދަން ޖެހެނީ ދިގު ދަތުރެއް ކުރަން. ކަރަންޓެއް ވެސް ނެތް. ކާބޯތަކެއްޗެއް ވެސް ނެތް،" ޚާން ޔޫނިސްގައި ދިރިއުޅޭ ރެފިއުޖީއެއް ކަމުގައިވާ އިބްތިހާލް އަލް-ބަރީމް ބުންޏެވެ.

"މި ރަށުން ފައިބަން ވެސް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައި. ބޮންއަޅައި ޙަމަލާތައް ދޭން ފަށާފައި ވަނީ އެއްވެސް އިންޒާރަކާ ނުލައި. މަތިން ވެއްޓެން ފެށީ ރޮކެޓުތައް. އަޅުގަނޑުމެންނަށް އެ ތަނުން ސަލާމަތްވެގެން ނިކުތުން ނޫން އިތުރު ގޮތެއް ނުފެނުނު،" އޭނާ ބުންޏެވެ.

އދން ވެސް ބުނީ ޚާން ޔޫނިސުން މި ވަގުތު ފެންނަމުން ދަނީ ވަރަށް ހިތްދަތި މަންޒަރުތަކެއް ކަމުގައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދގެ އިދާރާއިން ބުނީ ޚާން ޔޫނިސްގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް އެ ރަށުގެ ރައްޔިތުންނަށް ވެސް, އެ ރަށަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީންނަށް ވެސް މިއަދު ނެތް ކަމުގައެވެ. އަދި, މުޅި ޣައްޒާގައި ވެސް ރައްކާތެރި އެއްވެސް ތަނެއް ނެތް ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

"މެދުކެނޑުމެއް ނެތި އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހޭތީ ޣައްޒާގެ ރައްޔިތުން ވަނީ ވަރުބަލިވެފައި. އެ މީހުން ދިރިއުޅެން މަޖުބޫރު ކުރުވާފައި ވަނީ ވަރަށް ނިކަމެތި ހާލަތެއްގައި. ކުދި ސަރަަޙައްދުތަކެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ދިރިއުޅެމުން ދަނީ ތޮއްޖެހިގެން،" އދގެ އިދާރާއިން ބުންޏެވެ.

ޚާން ޔޫނިސްގެ އިތުރުން އަލް-ބުރަޔިޖު ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެއަކަށެވެ. އެ ގޭގައި ގިނަ ޢަދަދެއްގެ ރެފިއުޖީން ވެސް ދިޔައީ ދިރިއުޅެމުންނެވެ. އެ ގެޔަށް ދިން ޙަމަލާގައި ހަ މީހަކު ޝަހީދުކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ތިބި ޔަހޫދީ ފައުޖުން, އެ ރަށުގެ ގިނަ ޢިމާރާތްތަކެއް ވެސް ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ހާމަކުރިއެެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,090އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 90,147އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.